ތިލަފުށީ އަލިފާނާ ގުޅިގެން ކަނޑާލި ވެމްކޯ މުވައްޒަފަށް ވަޒީފާ ދިނުން ހުއްޓުވައިފި
ކ. ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުގެ އެޑްމިން ބިލްޑިން ކައިރީގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވަކިކުރި ވެމްކޯގެ މުވައްޒަފަށް އަލުން ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފިއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެމްކޯގެ ކުނި މެނޭޖްމަންޓް ސައިޓްގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ވެމްކޯގެ ސެންޓްރަލް އޮޕަރޭޝަން ތިލަފުށީގެ އެސިސްޓެންޓް މެނޭޖަރު ވަޒީފާއިން ވަކިކުރި މައްސަލައެވެ. އެ މައްސަލައިގައި، އެ މީހާއަށް އަލުން ވަޒީފާދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އަންގައިފައެވެ. އެހެންވެ، ވެމްކޯއިން ވަނީ ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައެވެ. https://sun.mv/210930 އެ މައްސަލައިގައި ހައިކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ހައިކޯޓުން މައްސަލައިގައި ވަކި ގޮތެއް ނިންމުމުގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގައިފައެވެ. މި އަމުރު ނެރުނީ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ އެ މުވައްޒަފު ބަދަލުކުރީ، ޖޮބް ރޮޓޭޝަންގެ ދަށުން ޕްރޮޖެކްޓް ޑިޕާޓްމެންޓްގެ ހިންމަފުށި ޕްރޮޖެކްޓް އެސިސްޓެންޓް މެނޭޖަރުގެ މަގާމަށެވެ. އޭގެ ފަހުން، ޑިސިޕްލިނަރީ ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ، 14 ދުވަހަށް އޭނާ ސަސްޕެންޑް ކުރުމަށް ފަހު، ނޮވެންބަރު މަހުގެ ހަތަރުވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކުރީއެވެ. މި މައްސަލައިގައި ވެމްކޯއިން ބުނެފައިވަނީ އެ އަލިފާނުގެ ހާދިސާއާ، އެ ދުވަސްވަރު އެ ސައިޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެހެންވެ، އެ މުވައްޒަފުން އިތުރަށް ވަޒީފާގައި ބައިތިއްބައިފިނަމަ، އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުމެއް ވެދާނެ ކަމަށް ބެލެވުނު ކަމަށް ވެސް ވެމްކޯގެ ދިފާއުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ޚިޔާނަތްތެރިވުމުގެ އަމަލުތަކެއް ވެސް، ރޭވިގެން ކުރަމުންދިޔަ ކަމަށް ވެމްކޯއިން ވަނީ ތުހުމަތުކޮށްފައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައިވަނީ އެ މުވައްޒަފާމެދު ފިޔަވަޅު އެޅުމުގައި މައުލޫއީ އަދުލުވެރިކަން ވެމްކޯއިން ގާއިމުކޮށްފައިނުވާ ކަމަށެވެ. އަދި، މައުލޫއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތުމުން، އިޖުރާއީ އަދުލުވެރިކަން ވެސް ގާއިމުކޮށްފައި ނެތް ކަމަށް ކަނޑައެޅިއެވެ. އެހެންކަމުން ޓްރައިބިއުނަލުން މި މައްސަލައިގައި ނިންމީ، އަލުން ވަޒީފާ ރުޖޫއަކޮށްދޭށެވެ. އަދި، ނޯޓިސް ފައިސާގެ ގޮތުގައި ވެމްކޯއިން ދިން ފައިސާ އުނިކުރުމަށް ފަހު، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ރުޖޫއަކުރާ ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތްތަކާއެކު ވަކީލު ފީގެ ގޮތުގައި 15،000 ރުފިޔާ ނަގައިދޭންވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ