މަޖިލީހުގެ %35އަކީ، ޒުވާނުންނަށް ހަދަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ %35އަކީ، ޒުވާނުންނަށް ހެދުމަށް ލާޒިމް ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ފަރާތުން ގާނުނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ. ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ:
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޒުވާނުން ހިއްސާ ކުރާއިރު، ސިޔާސަތު އެކުލަވާލުމާއި ގައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ސީދާ ބައިވެރިވުން ވަރަށް ކުޑަ
އެހެންވެ ބިލު ހުށަހެޅުމުގެ މަގުސަދަކީ، ގައުމުގެ ކަންކަމުގައި އެންމެ އިސް ސަފުގައި ބަސްބުނުމުގެ ހައްގު އެންމެ ފުޅާ ދާއިރާއެއްގައި ހޯދުމުގެ ފުރުސަތު ދައުލަތުން ޒުވާނުންނަށް ތަނަވަސްކޮށަްދިން
އޭގެ އިތުރުން ޒަމާނައަށް އަންނަމުންދާ ބަދަލުތަކާއި ޓެކްނޮލޮޖީ އަދި ދުނިޔޭގެ ކަންކަމަށް ފުރިހަމައަށް ލޯ ހުޅުވެފައިވާ ބަޔަކީ ޒުވާނުން ކަމަށްވާތީ، މުސްތަގުބަލުގައި ގައުމު ކުރިއަށް ގެންދާނެ ޒުވާނުންނާ ގައުމުގެ މުހިންމު ކަންކަން ހަވާލުކުރުމުގެ މަރުހަލާތައް ނިޒާމީ ގޮތެއްގައި ފެށުމަކީވެސް ބިލު ހުށަހެޅި މަގްސަދެއް
ތަފްސީލު - މީކާއިލް އިސްލާހު ހުށަހެޅުއްވީ، ގާނޫނުއަސާސީގައި މެންބަރުން އިންތިހާބު ކުރާ ގޮތް ބަޔާން ކުރާ 72 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.
އެ އިސްލާހުގައި ބުނީ:
ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރާއިރު، މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމްލަ އަދަދުގެ %30 ދާއިރާއަކީ ޒުވާނުންނަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅަން ޖެހޭ
މިގޮތަށް ޒުވާނުންނަށް ހާއްސަ ކުރާ ދާއިރާތައް ކަނޑައަޅާނޭ ގޮތުގެ ތަފްސީލު ބަޔާން ކުރުން އޮތީ ގާނޫނަކުން ކަނޑައެޅުމަށް
ޒުވާނެއްގެ ގޮތުގައި މި އިސްލާހުގައި ބަލަނީ، 35  އަހަރު ނުފުރޭ މީހުންނަށް
މިއަށް އަމަލު ކުރަން ފަށަން ހިމަނާފައި އޮތީ، މަޖިލީހުން ފާސްކޮށް، ތަސްދީގުކުރާ ދުވަހުން ފެށިގެންނެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި 93 މެންބަރުން އެބަތިބި އެވެ. އެ އަދަދަކީ ކޮންމެ މަޖިލީހެއްގައިވެސް އާބާދީއަށް ބަލައި، ގާނޫނު މިހާރު އޮތް ގޮތުން އިތުރުވަމުންދާ އަދަދެކެވެ.
ޖުމްލަ މެންބަރުންގެ އަދަދު 93އިން ބަލާނަމަ، މީކާއިލް އިސްލާހުގައިވާ ގޮތަށް 31 ދާއިރާ ވާން ޖެހޭނީ ޒުވާނުންނަށް ހާއްސަ ދާއިރާތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ