ބާވެ ވީރާނަވާން ފަށާފައިވާ ސިނަމާލު ފުލެޓު އިމާރާތުގެ ފާރުތައް ފީވެގެން ވެއްޓެން ފަށައިފި އެވެ.
މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އަމީނީ މަގާއި ވީ ފަޅީގައި ހުންނަ ސިނަމާލެ ފުލެޓުގެ އިރުމަތީ ފާރުން ބައެއް ވަނީ ވެއްޓިފަ އެވެ. އެ ގައުތަށް ވެއްޓިފައި ވަނީ އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށެވެ.
ފުލެޓުގެ ފާރު ވެއްޓި ސައިކަލުތަަކަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވާނެ ކަމަށް ވީޑިއޯތަކުން ފެންނަ މަންޒަރުން ބެލެވެ އެވެ. މި ވީޑިއޯތައް ހިއްސާކޮށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ހިތާމަވެރި ހާދިސާއެއް ދިމާވުމުގެ ކުރިން އެ ފުލެޓުތަކުގައި ދިރިއުޅޭ އާއިލާތަކަށް އެހެން ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ބުނެފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސިނަމާލެ ފްލެޓްތަކަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު, އެތަން ވަނީ ވަރަށް ބޮޑަށް ބާވެ ވީރާނާވެފަ އެވެ. ސިނަމާލެ އަދި މާލެ ހިޔާގެ ފަސް އިމާރާތުގައި ގާތްގަނޑަކަށް 128 ޔުނިޓު ހުރިއިރު, އެތަނުގައި އެތައް ސަތޭކަ އާއިލާއެއް މިހާރު ވެސް ދިރިއުޅުމެންދެ އެވެ.
މި މައްސަލަ ހައްލުކުރުމަށް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، ފްލެޓުތައް ތަޅާލައި އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 1,500 ހައުސިން ޔުނިޓު ގާއިމު ކުރުމުގެ މަޝްރޫއުއެއް 2023 ގެ ކުރީކޮޅު މާލެ ސިޓީ ކައުންސިލުން އިއުލާނުކުރި އެވެ.
އެކަމަށްޓަކައި ސިޓީ ކައުންސިލުން ވަނީ އެ މަސައްކަތް ކުރުމަށް ޑިވެލޮޕާ ފައިނޭންސް މޮޑެލުގެ ދަށުން އިންވެސްޓަރުން ހޯދުމަށް އޭރު އިއުލާނު ވެސް ކުރި އެވެ. ނަމަވެސް އެ މަޝްރޫއުގައި އަމަލީ ކުލަ ޖެހޭ ގޮތް އަދިވެސް ނުވެ އެވެ.
އޭރު ސިޓީ ކައުންސިލުން ޕްލޭންކުރީ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ޓަވަރުގައި 700 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އަދި, ދެވަނަ ފިޔަވަހީގައި އަޅާ ފަސް އިމާރާތުގައި 800 ޔުނިޓު އިމާރާތް ކުރަން މުއިއްޒުގެ މޭޔަރު ކަމުގައި އިއުލާނުކުރި މަޝްރޫއުގައި ހިމަނާފައިވެ އެވެ.
މި ޕްލޭނަށްފަހު ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2023 ގެ ފަހުކޮޅު ސިނަމާލެ އަދި އެހެން ބައެއް ފްލެޓުތައް ދޫކޮށްލަން ބޭނުންވާ މީހުންނަށް ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓު އަދި ބިމަށް ކުރިމަތިލެވޭނެ ކަމަށް ބުންޏެވެ. ނަމަވެސް، އެ ދެ ސްކީމުގެ މައްސަލަ ބޮޑުވެ ފުރަތަމަ ބުރުގައި ފުލެޓު ލިބުނު މީހުންނަށް ވެސް އަދި ފުލެޓު ދޫނުކުރެވެ އެވެ.
ސިނަމާލެ ފުލެޓުތައް ބިރުވެރި ހާލަތަކަށް، ފާރުތައް ފީވެގެން ވެއްޓެން ފަށައިފި ސިނަމާލެ ފުލެޓުތައް ބިރުވެރި ހާލަތަކަށް، ފާރުތައް ފީވެގެން ވެއްޓެން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ