މިބުނާ ކަންކަން މިގޮތަށް ދަރިފުޅަށް ކޮށްދެވިއްޖެނަމަ އެދަރިފުޅު ބޮޑުވާނީ ﷲ ތަޢާލާ ދެކެ ލޯބިވާ، ﷲ ތަޢާލާއަށް ބިރުވެތިވާ، ކިޔަމަންތެރި ކުއްޖެއްގެ ގޮތުގަ! އިން ޝާ ﷲ

ދަރިންގެ ހިތުގައި ﷲ ތަޢާލާގެ މައްޗަށް ލޯބި އުފައްދުވައި ރިވެތި އިސްލާމީ އަޚްލާޤްގެ މަތީގައި ބޮޑުކުރުމަށްޓަކައި މަސައްކަތްފަށަންޖެހޭ ޢުމުރާއިމެދު ބައެއް ބެލެނިވެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަންކަން އެނގިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ 
ލޮބުވެތި މައިންބަފައިންނޭވެ! ދަރިއަކު ލިބި އެދަރިފުޅު ހިނގައިގަންނަން މަސައްކަތްކުރަން ފެށުމުން އެދަރިފުޅުގެ އަތުގައި ހިފަގެން ހިންގުވަމުއެވެ. ހިނގަން ބޭނުން ކުރާނެ ވަސީލަތްތައްވެސް ހޯދައިދެމުއެވެ. އެދަރިފުޅު އަވަހަށް ހިނގަން ފަށާތަން ދެކެން ބޭނުންވާތީއެވެ!  އެދަރިފުޅު ހިނގަން މަސައްކަތްކުރަމުން ގޮސް ކިތަންމެ ކުޑަ ތަނަކޮޅަކަށް ނަމަވެސް އެކަނި ހިނގާތަން ފެނުމުން ލިބޭ އުފާވެރިކަން ބޮޑުކަމުން ހިތް ފުރިގެންދެއެވެ. 
މިއިން އެއްވެސް ކަމަކަށް ފާޑުކިޔާކަށް ނެތީމެވެ. މިކަންކަން މިގޮތަށް މެދުވެރިވާނެއެވެ. އެއީ އިންސާނުންގެ ކިބައިގައި ލައްވަވާފައިވާ ކަންކަމެވެ. އެހެނަސް ފާހަގަކުރަން މިއުޅެނީ މާމުހިންމު ކަމެކެވެ. 
އެއީ ލޯބިވާ ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް އެދަރިފުޅުގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެއްސުވުމަށް ކުރަންޖެހޭ މަސައްކަތުގެ ވާހަކައެވެ. ދަރިންނަށްޓަކައި ކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީވެސް އެއީއެވެ. 
ﷲ ތަޢާލާ ވޮޑިގެންވާކަމާއި ދަރިފުޅަށް ބޭނުންވާ ހުރިހާ ކަންކަން މިންވަރުކުރައްވަވަނީ ﷲ ތަޢާލާކަން ދަރިފުޅަށް ވިސްނައިދޭން މަސައްކަތްކުރަން ފަށަންވީ އެންމެ ތުއްތުއިރުގައެވެ. ހިންގުވަން މަސައްކަތްކުރި ފަދައިން އެ މަސައްކަތްކޮށް ﷲ ތަޢާލާގެ ޙަޟްރަތާއި ގާތަށް ދަރިން ގެންދުވުމަށް ނުވަތަ ކުއްތަން ކުރުވުމަށް މަސައްކަތްކުރަންވާނެއެވެ. 
ހަދިޔާއެއް ދިންނަމަވެސް އެހަދިޔާ ލިބުނީ ﷲ ތަޢާލާ ދެއްވެވުމުންކަން ބުނެދޭށެވެ. މީރު ކާއެއްޗެއް ދިން ނަމަވެސްމެއެވެ. މަންމައަށްވެސް ބައްޕައަށްވެސް ދަރިފުޅަށްވެސް އަދި ދުނިޔޭގައި އުޅޭހައި ބައަކަށް ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާކަން ދަރިފުޅަށް އަންގައިދޭންވާނެ އެވެ. މިޘާލަކަށް ދަރިފުޅަށް ހަދިޔާއެއް ދިނުމުން އެދިން މީހަކަށް ޝުކުރުއަދާކޮށްފާނެއެވެ. "ޝުކުރިއްޔާ! ބައްޕާ!" ބުނެފާނެއެވެ. އެވަޤުތުވެސް ބުނާށެވެ! "ފުރަތަމަ ޝުކުރު އަލްޙަމްދުލިﷲ ބުނާށެވެ!"  
3 އަހަރު ފުރެންވާއިރަށް މިކަންކަން ބުނެދީ 4 އަހަރުފުރޭއިރު ކުއްޖާގެ ހިތުން އެކަންކަން ޤަބޫލުކުރެވޭވަރަށް ބުނެދޭންވާނެއެވެ. 5 އަހަރު ފުރެންވާއިރު ކުއްޖާއަކީ އަމިއްލައަށް އެފަދަ ވާހަކަތައް ދައްކާ ކުއްޖަކަށް ހެދުމަށް މަސައްކަތްކުރަންވާނެއެވެ. ބޮޑުވަމުން އަންނަ ވަރަކަށް އެކަންކަން އިތުރަށް ދަރިފުޅަށް އަންގައިދޭން މަސައްކަތްކުރަންވާނެއެވެ. 
މިކަންކަން މިގޮތަށް ދަރިފުޅަށް ކޮށްދެވިއްޖެނަމަ އެދަރިފުޅު ބޮޑުވާނީ ﷲ ތަޢާލާ ދެކެ ލޯބިވާ، ﷲ ތަޢާލާއަށް ބިރުވެތިވާ އަދި ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ