ކޮލަމްބޯގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން 3-0 އިން މޮޅުވުމުން ރާއްޖޭގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ރާއްޖޭގެ ކުޅުންތެރިންނަށް ތައުރީފުކުރިއިރު، ލަންކާގެ ކޯޗު، ކުވެއިތުގެ އަބްދުﷲ އަލް މުތައިރީ ދިވެހި ސަޕޯޓަރުން ގިނަ ވާހަކަ ދައްކައިފި އެވެ.
މޯހަން، ގައުމީ ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ބަލިކުރިއިރު، ރާއްޖޭން މި ވަނީ ފަސް މެޗަށް ފަހު، ބައިނަލްއަގުވާމީ ލެވަލްގައި މޮޅެއް ހޯދައިފަ އެވެ. އެންމެ ފަހުން ބައިނަލްއަގުވާމީ މެޗަކުން ރާއްޖެ މޮޅުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝް އަތުންނެވެ.
"އަހަރެމެންނަށް މި މޮޅު މި ލިބުނީ (މިހާރު އޮތް ހާލަތަށް) އެއްވެސް ވަރަކަށް ބެލުމެއް ނެތި، އެ ކުޅުންތެރިން ކުރެވެން ހުރި އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމުން، އަލްހަމްދުލިއްލާހި،" 1995-2008 އަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި މޯހަން ބުންޏެވެ.
އޭނާ ބުނީ، ފުރަތަމަ މެޗުގެ ވާހަކަ މިހާ ހިސާބުން ނިމުނީ ކަމަށާއި ދެން އޮތީ އާ ފެށުމަކުން، އަންގާރަ ދުވަހު އޮތް ދެ ވަނަ މެޗަށް ތައްޔާރުވުމުން ކަމަށެވެ. އަދި، ކުޅުންތެރިންް ކުރި ހިތްވަރުން އުންމީދު ބޮޑު ކަމަށް ވެސް މޯހަން ވަނީ ބުނެފަ އެވެ.
ލަންކާގެ ކޯޗު މުތައިރީ ގާތުގައި މެޗުން ގޯސްކޮށްދިޔައީ ކޮންކަމެއްތޯ ސުވާލުކުމުން، އޭނާ ބުނެފައިވަނީ، މެޗު ކުޅުނު ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި، ލަންކާ ސަޕޯޓަރުންނަށް ވުރެން ދިވެހި ސަޕޯޓަރުން މާ ގިނަ ކަމަށެވެ.
"މިއީ އަހަރެމެންގެ ދަނޑު، އެކަމަކު މިތަނުގައި ގިނައީ ދިވެހި ސަޕޯޓަރުން. އަހަރެމެންނަށް އަމިއްލަ ދަނޑުގައި ކުޅުމުގެ އިހުސާސެއް ނުކުރެވުނު. އަހަންނަށް ގިނައިން އިވުނީ ވެސް ރާއްޖޭގެ ސަޕޯޓަރުންގެ އަޑު. އަހަރެމެންގެ ސަޕޯޓަރުން ތިބީ ހަމައެކަނި މެޗު ބަލާލަން އައިސް،" މުތައިރީ ބުންޏެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު 23 މެޗުގެ ތެރެއިން ލަންކާ މޮޅުވީ ތިން މެޗުންނެވެ. ދިހަ މެޗު އެއްވަަރުވިއިރު، ރާއްޖޭން 10 މެޗުން މި ވަނީ މޮޅުވެފަ އެވެ. ލަންކާ އިން އެންމެ ފަހުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖެ ބަލިކުރީ 2002 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ. ތޭވީސް އަހަރަށް ފަހު ރާއްޖެ ބަލިކުރަން ލަންކާ އިން ބޭނުންވާ ކަމަށް މެޗުގެ ކުރިން މުތައިރީ ވަނީ ބުނެފަ އެވެ. އެކަމަކު، އަނެއްކާ ވެސް މި ވަނީ އިންތިޒާރު ދިގުލައިފަ އެވެ.
މި މަހު ލަންކާގައި ސުޕަ ކަޕް ކުޅެން ފުރަތަމަ ރޭވީ ހަތަރު ގައުމުގެ މެދުގަ އެވެ. އެކަމަކު، ބޫޓާނާއި ބަންގްލަދޭޝް ބައިވެރިނުވުމުން، ލަންކާ އާއި ރާއްޖޭގެ ދެ މެޗަށް މި މުބާރާތް ބަދަލުކުރީ އެވެ.
މޯހަންގެ ތައުރީފު ކުޅުންތެރިންނަށް، ލަންކާ ކޯޗު ދެއްކީ ދިވެހި ސަޕޯޓަރުން ގިނަ ވާހަކަ މޯހަންގެ ތައުރީފު ކުޅުންތެރިންނަށް، ލަންކާ ކޯޗު ދެއްކީ ދިވެހި ސަޕޯޓަރުން ގިނަ ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ