ސިނާ ބަލިކޮށް ޔޫއެސް އޯޕަން ކާމިޔާބުކޮށް އަލްކަރާޒް ރޭންކިން އެއް ވަނަ އަށް ސިނާ ބަލިކޮށް ޔޫއެސް އޯޕަން ކާމިޔާބުކޮށް އަލްކަރާޒް ރޭންކިން އެއް ވަނަ އަށް

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ސެޕްޓެމްބަރު 8) - ޔޫއެސް އޯޕަންގެ ފައިނަލުގައި އިޓަލީގެ ޖަނިކް ސިނާ ބަލިކޮށް، ސްޕެއިނުގެ ކާލޯސް އަލްކަރާޒް، މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ދުނިޔޭގެ ފިރިހެން ރޭންކިން އެއް ވަނަ އަށް ޖެހިލައިފި އެވެ.
މިދިޔަ މަހު އޮތް ސިންސިނާޓީ އޯޕަން ފައިނަލުގައި ސިނާ މެޗު ދޫކޮށްލުމުން އަލްކަރާޒް، 22، އަށް ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން ލިބިފަ އެވެ. ރޭގެ ފައިނަލަކީ، މި ފަހަރުގެ ޓެނިސް ސީޒަނުގައި އަލްކަރާޒާއި ސިނާގެ ހަތަރު ވަނަ މެޗެވެ. އޭގެ ތެރެއިން، ފްރެންޗް އޯޕަން އާއި އިޓާލިއަން އޯޕަން އަދި، ސިންސިނާޓީ ފައިނަލުގައި، އަލްކަރާޒް މޮޅުވިއިރު، އެންމެ ފަހުން ކުޅުނު ގްރޭންޑް ސްލޭމް މުބާރާތް، ވިމްބަލްޑަން ފައިނަލުގައި ސިނާ ވަނީ ކުރިހޯދައިފަ އެވެ.
އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ވަޑައިގަންނަވާތީވެ، ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން، އަޅަންޖެހޭ ފިޔަވަޅުތަކަށް ބައިގަޑިއިރަށް ރޭގެ މެޗު ލަސްވި އެވެ. މެޗު ފަށައިގެން، އަލްކަރާޒް ދިޔައީ ތަފާތު ދައްކަމުންނެވެ. އެ ގޮތުން، އެއް ސެޓު އަތުން ގެއްލުނު ނަމަވެސް ފޯކަސް ގެއްލުވައިނުލައި ކުޅެ މެޗުން މޮޅުވީ އެވެ. އެ ގޮތުން، އަލްކަރާޒް ރަނގަޅު މޮޅެއް ހޯދި މި މެޗުގެ ސެޓުތައް ދިޔައީ، 6-2 3-6 6-1 6-4 އިންނެވެ.
މިއީ، އަލްކަރާޒް، ޔޫއެސް އޯޕަން ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2022 ވަނަ އަހަރު މި ތަށި ހޯދި އެވެ.
އަލްކަރާޒް، ކެރިއަރުގެ ހަ ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރިއިރު، އޭނާ އަކީ ބްޔޯން ބޯގް އަށް ފަހު މި އަދަދަށް ހަގު އުމުރެއްގައި ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. ރޭގެ ކާމިޔާބާ އެކު، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި 65 ހަފްތާ ވަންދެން އޮތް ސިނާގެ ރެކޯޑަށް ނިމުމެއް އައީ އެވެ.
އެންމެ ފަހުން ޔޫއެސް އޯޕަން ތަށި ދިފާއުކުރެވުނީ، 2004 އިން 2008 އަށް މި މުބާރާތް ކާމިޔާބުކުރި ރޮޖާ ފެޑެރާ އަށެވެ. އޭގެ ފަހުން، ތަށި ދިފާއުކުރާ ފުރަތަމަ ކުޅުންތެރިޔާ އަށް ވުމަށް ސިނާ ކުރި މަސައްކަތް ކާމިޔާބުނުވި އެވެ. އަދި، ހާޑް ކޯޓުގައި، 28 މެޗަށް ފަހު ސިނާ މި ވަނީ ފުރަތަމަ ފަހަރަށް ބަލިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ