އަސާސީ ތަމްރީނު ކޯހުން، އެންމެ މޮޅު ދަރިވަރަކަށް ފުރަތަމަ ފަހަރަށް އަންހެން ފުލުހެއް

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކުން ފުރަތަމަ ފަހަރަށް އެންމެ މޮޅު ދަރިވަރުގެ ލަގަބު އަންހެން ފުލުހަކަށް ލިބި، އެ މުއައްސަސާއަށް ތާރީޚީ ރެޔަކަށް ވެއްޖެއެވެ. ފުލުހުންގެ 41 ވަނަ ބެޗުގެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ނުވަތަ ބެސްޓް އޯލް ރައުންޑްކަން ލިބުނީ، ގދ. ފިޔޯރީއަށް ނިސްބަތްވާ އިމްޝާ އަބްދުއްލަތީފަށެވެ. އިމްޝާ ފުލުހުންގެ ޚިދުމަތާ ގުޅުނީ، ޑިސެމްބަރު އެކެއް، 2023ގައެވެ. އިމްޝާ 2019ގައި އޯލެވެލް ފުރިހަމަކުރީ، ގއ. ގެމަނަފުށީ ސުކޫލުންނެވެ. ނަވީން އިމްޝާއާ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވަނީ ---- ފޮޓޯ/ ފުލުހުން މިރޭ އޮތް ރަސްމިއްޔާތުގައި އިމްޝާއަށް އިނާމުތައް ހަވާލުކޮށްދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އިމްޝާ ހޯދި ކާމިޔާބީއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތާރީޚުން ޖާގަ ހޯދައި، ތަމްރީނުގެ ތާރީޚު ބަދަލުކޮށްލި ކަމެއް ކަމަށެވެ. އެ ކަމަށްޓަކައި، އިމްޝާގެ އާއިލާއަށާއި ރަށަށް ޝުކުރު އަދާކުރައްވައި، މިނިސްޓަރު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެ ކޯހުގައި 185 ފުލުހުން ތަމްރީނުވިއިރު، އެންމެ ފާހަގަކުރެވޭ ފަސް ވަނަ ވެސް ހޯދީ އަންހެން ފުލުހުންނެވެ. އެއީ އިމްޝާގެ އިތުރުން، މަރިޔަމް ލާޝާ އާދަމްއާއި އައިމިނަތު ސަމްރާއާއި މަރިޔަމް ލޫލުއާ މުހައްމަދާއި އަލްޔާ އަހުމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ