ގެއްލުމުގައި ހިންގާ އައިލެންޑް އޭވިއޭޝަނުން 49 މިލިއަނަށް ހުޅުމާލޭން ބިމެއް ގަނެފި

މިދިޔަ އަހަރު އެކަނި ވެސް 2.8 މިލިއަން ރުފިޔާގެ ގެއްލުމެއްވި، އައިލެންޑް އޭވިއޭޝަނުން ހުޅުމާލޭން 49 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ. ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން، 49 މިލިއަން ރުފިޔާއަށް ބިމެއް ގަތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަތުންނެވެ. އެއީ، ހުޅުމާލޭ، ސެންޓްރަލް ޕާކު ކައިރިން، 12481 އަކަފޫޓުގެ ބިމެކެވެ. ބިން ގަތުމުގެ މުއާމަލާތް ސިވިލް ކޯޓުން ވަނީ އިއްޔެ ނިންމައިފައެވެ. ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު، ބުދަ ދުވަހު ނިންމެވި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން، މޯލްޑިވިއަނުންވަނީ ހުޅުމާލޭ ފޭސް އެކެއްގެ، 11725 ނަންބަރު ލޮޓް، 48،428،482.40 އަށް ގަނެ، ވިޔަފާރި އަގުދުކޮށްފައެވެ. އެހެންކަމުން އެ ވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމަށް ކަނޑައަޅައި، ބިމުގެ ވެރިފަރާތަކީ އައިލެންޑް އޭވިއޭޝަން ކަމަށްވަނީ ނިންމާފައެވެ. ގައުމީ އެއާލައިން މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަނުން ބިމެއް ގަތްއިރު، އެ އިދާރާގެ އާ އޮފީސް އިމާރާތުގެ ބިންގާ މިހާރުވަނީ އަޅައިފައެވެ. މިދިޔަ މަހު، އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިލްޔާސާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމެވެ. އައިލެންޑް އޭވިއޭޝަނާ ހަވާލާދީ ދައުލަތުގެ މީޑިއާ ޕީއެމްއެމްއިން ރިޕޯޓުކުރި ގޮތުގައި މި ވަގުތު އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލޭގެ ފަސް އިމާރާތެއްގައި މަސައްކަތްކުރާތީ، ކުންފުނިން ކުއްޔަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ