ރޯދަމަހު މަގުމައްޗަށް އަންނަ ހަލަބޮލިކަމަށް ފުލުހުން އިތުރަށް ސަމާލުވުމަށް ރައީސް އިލްތިމާސްކޮށްފި

ރަމަޟާންމަހު މަގުމައްޗަށް އަންނަ ހަލަބޮލިކަމާއި ބައެއް ފަރާތްތަކުންކުރާ ނޭދެވޭ ބައެއް އަމަލުތައް އިތުރުވެގެންދާ ވަގުތުތަކަށް ފުލުހުން އިތުރަށް ސަމާލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިކަމަށް އިލްތިމާސްކުރެއްވީ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި މާހެފުން ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައެވެ.
ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި މާހެފުން އޮތީ އިސްކަންދަރު ބިލްޑިންގގައެވެ.
ފުލުހުންގެ މާހެފުން ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ތަހުނިޔާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް އަރިސްކުރެއްވިއެވެ. އަދި ރަމަޟާންމަހު މަގުމައްޗަށް އަންނަ ހަލަބޮލިކަމާއި ބައެއް ފަރާތްތަކުންކުރާ ނޭދެވޭ ބައެއް އަމަލުތައް އިތުރުވެގެންދާ ވަގުތުތަކަށް ފުލުހުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރެއްވިއެވެ.
އޭގެ އިތުރުން، މުޖުތަމައުގެ އަމަންއަމާންކަން ގާއިމުކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ގާނޫނު ތަންފީޒުކޮށް ގާނޫނާ އެއްގޮތަށް އަމަލުކުރުމުގައި ފަސްނުޖެހި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ނައިބް ރައީސް ފައިސަލް ނަސީމް، ކޮަމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ނަޒީރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދު ފުޅު، މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު، އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން، ޕޮލިސް ބޯޑުގެ ޗެއަރ ރިޓަޔާޑް އަޙްމަދު ފަސީހް ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ