އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލައިގައި ހަމައެކަނި ބޭންކް ކުށްވެރި ކުރުން ގޯސް: ނަޝީދު

މިފަހަކަށް އައިސް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ އެކައުންޓް ތަކުން އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލައިގައި ހަމައެކަނި ބޭންކު ކުށްވެރި ކުރުމަކީ ގޯސް ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ބީއެމްއެލްގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާއިރު، ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ އެ މައްސަލައިގައި ބީއެމްއެލްއިން އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ބުރަ މަސައްކަތުން އާންމުން ހޯދާ ފައިސާ، ފަޅި ސިކުންތެއްގެ ތެރޭގައި ގެއްލުމާއެކު އެ މައްސަލަ ބީއެމްއެލްއާއި ފުލުހުންނަށް ހުށަހެޅި ނަމަވެސް، އެ ގެއްލުނު ފައިސާ ނުލިބޭ ކަމަށާއި، އެކަން ރިޕޯޓު ކުރުމުގެ ސަބަބުން އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ. އެކަމާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ، ވައްކަމެއް ހިނގާ ކަމަށް މެންބަރުން ބުނާ ކަމަށާއި ވައްކަމެއް ހިނގުމުން ހުށަހަޅަން ޖެހެނީ ފުލުހުންނަށް ކަމަށެވެ. އަދި ވައްކަމުގެ މައްސަލަތައް ބަލަން ހަވާލުކޮށްފައި އޮތީ ބޭންކަކާ ނޫން ކަމަށާއި، އެކަން ބަލަން ޖެހޭނީ ފުލުހުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ވައްކަމެއް ހިނގީމާ ފުރަތަމަ ދާން ޖެހެނީ ފުލުސް އޮފީހަށް، އަޅުގަނޑަކަށް އެއްވެސް އިއްޒަތްތެރި މެންބަރަކު މިތަނުގައި ފުލުސް އޮފީހުގެ ވާހަކަ ފާހަގައެއް ނުކުރޭ، ކަނޑައެޅިގެން ވައްކަމެއް މި ކުރަނީ ވައްކަން ބެލުން މި އޮންނަނީ ހަވާލުކޮށްފައި ފުލުސް އޮފީހާ. ބޭންކަކާ ނޫން އަދި އެމްއެމްއޭއަކާ ވެސް ނޫން. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަމަވެސް ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމުން ބުނަނީ ބޭންކަށް ދާން ކަމަށެވެ. ނަމަވެސް ބީއެމްއެލްއަށް ދިއުމުން މައްސަލަ ދިމާވަނީ ކަންބޮޑުވާ ކަންކަމާ ކަމަށާއި، އެކަމަށް އާރުލާ ޖަވާބެއް ނުލިބޭ ކަމަށެވެ. މި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މިމައްސަލަ މަޖިލީހުގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ