ނަޝީދު ބޭނުންފުޅުވަނީ ރިފްއަތަށް ލިޔުމުން ޖަވާބު ދެވޭނެތޯ ބަލަން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލާގައި ދިފާއުގެ ޖަވާބު މަޖިލީހަށް ލިޔުމުން ދެއްވުމުން އުފެދުނު ހިޔާލުތަފާތުވުން ތަކަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދަވަން ރައޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި ރިފްއަތު މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ އިރު އޭނާ ޖަވާބުދެއްވީ ލިޔުމުންނެވެ.
ނަމަވެސް އެފަދައިން ލިޔުމުން ޖަވާބު ދެއްވިދާނެ ކަމާ މެދު މަޖިލީހުގައި ހިޔާލުތަފާތުވުން އުފެދުމުން ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ގޮތެއް ނިންމަން މިއަދހުގެ މަޖިލިސް މެދުކަނޑައިލިއެވެ.
އަދި މެދުކެނޑުމަކަށް ފަހު ޖަލްސާ އަލުން ފެއްޓެވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެ މަޝްވަރާއިން ގޮތެއް ނުނިންމުނު ކަމަށާއި ލިޔުމުން ޖަވާބު ދެއްވިދާނެކަމާއިމެދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން އިންކާރު ކުރާކަމަށެވެ.
އެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި އެންމެ ރަނގަޅު ގޮތަކީ ސްޕްރީމު ކޯޓުން ގޮތެއް ނިންމުން ކަމަށެވެ.
"މިބާވަތުގެ ކަންތަކުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން. ގާނޫނު އަސާސީ އެކުލަވައިލި އިރު މާނަކޮށްފައި އޮތް ގޮތާއި މިބާވަތުގެ ކަންތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމްކޯޓުން ނިންމުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ