ފްލެޓް ލިބުނުކަމަށް ވާހަކަ ދައްކައިގެން އޯޓީޕީ އަތުލަނީ

އެޗްޑީސީ ނަމުގައި ފޯނުކޯލު މެދުވެރިކޮށް އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް ސްކޭމަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލް އިން ބުނެފިއެވެ. އަދި މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ހޯދާފައިވާކަމުގެ ޝަކުވާވެސް ބީއެމްއެލްއަށް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ " މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުން އަންނަ މިފަދަ ކަންކަމުން ސަލާމަތްވެ، ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރަން. މިހަފްތާގައި ހުށަހެޅިފައިވާ އެހެން މައްސަލަތަކަށް ބަލާއިރު ފޭސްބުކް ޕޭޖްތަކުން މުދާ ގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޝަކުވާވެސް އެބަ ލިބޭ. މިއީ މި ނިމިެގްނ ދިޔަ ހަފްތާގައިވެސް ހުށަހެޅިފައިވާ މައްސަލަތަކެއް. އެހެންކަމުން ކާކުކަން ނޭނގޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތް ނުކުރުމަށް އިލްތިމާސްކުރަން."
ރާއްޖޭގައި އީސިމްގެ ހިދުމަތް ބޭނުންކުރަމުންދާއިރު އޯޓީޕީ ބޭނުންކޮށްގެން އީސިމް އެކްޓިވޭޓްކޮށްލެވެއެވެ. އެހެން ކަމުން އީސިމް ނެގުން ފަދަ ހިދުމަތްތަކަށް ލިބޭ އޯޓީޕީ އެހެން ފަރާތަކާ ހިއްސާކުރެވިއްޖެނަމަ ސިމް އެހެން މީހަކަށް ލިބުުމުގެ ފުރުސަތު ލިބިގެންދެއެވެ. މި ގޮތަށް ފުރުސަތު ލިބިއްޖެނަމަ އެކައުންޓުންކުރާ މުއާމަލާތްތަކަށް ފޮނުވާ އޯޓީޕީވެސް އެފަދަ ފަރާތްތަކަށް ލިބިގެންދާނެއެެވެ.
އެކި ނަންނަމުގައި މީހުން ގުޅާ، ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ ބީއެމްއެލްއިން ތަކުރާރުކޮށް އާއްމުން އެކަމަށް ހޭލުންތެރި ކުރުވުމަށް މަސައްކަތްކޮށް، އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ދަނީ އެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ