ރިސޯޓް ލީގު: ފޯ ސީޒަން ސެމީ އަށް، ވައްކަރަށް އުންމީދެއް ރިސޯޓް ލީގު: ފޯ ސީޒަން ސެމީ އަށް، ވައްކަރަށް އުންމީދެއް

ރާއްޖޭގެ ރިސޯޓްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އެންމެ ފޯރިގަދަ އެއް ޒޯން ކަމަށްވާ ބ. އަތޮޅުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، ފޯ ސީޒަން ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު ސެމީ އަށް ދިޔައިރު، ވައްކަރު މޯލްޑިވްސް އިން އުންމީދު އާ ކޮށްފި އެވެ.
ތިން ޓީމު ހިމެނޭ ގްރޫޕް އޭ އިން މިލައިދޫ މޯލްޑިވްސް އިން ވަނީ، ފުރަތަމަ ދެ މެޗުން މޮޅުވެ، އެއް ވަނައިގައި ސެމީ ފައިނަލަށް ދަތުުރުކޮށްފަ އެވެ. ދެ ވަނައިގައި ނިންމި، އަވަނި+ފަރެސް މޯލްޑިވްސް ރިސޯޓާއި ތިން ވަނައިގައި ނިންމި ފޯ ސީޒަން ކުޅުނު ޕްލޭއޮފް މެޗުން އިއްޔެ، ފޯ ސީޒަން މޮޅުވީ، 4-1 އިންނެވެ.
ފޯ ސީޒަންގެ ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، މުހައްމަދު ޖުނައިދު ހެޓްރިކެއްގެ އިތުރުން، ވިލިއަމް ޖޯން މާފީ ލަނޑެކެވެ. އަވަނި+ފަރެސްގެ ލަނޑު ޖެހީ، އަހުމަދު ޖައިލަމް އެވެ.
މެޗަށް ފަހު ފޯ ސީޒަންގެ ކޯޗު، އިސްމާއިލް އިބްރާހިމް ބުނީ، މޮޅުވުން މަޖުބޫރު މެޗަކަށް ވެފައި، ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކަށް އެ ކުރި އިތުބާރާ އެކު، ޕްރެޝަރުގައި ކުޅެގެން ވެސް މި ލިބުނީ ރަނގަޅު މޮޅެއް ކަމަށެވެ.
ގްރޫޕް ބީގައި އިއްޔެ ކުޅުނު މެޗުން، ވައްކަރުން ފޯރިގަދަ މެޗަކަށް ފަހު އަމިއްލަ މޯލްޑިވްސް ބަލިކުރީ 6-5 އިންނެވެ. ވައްކަރުގެ ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާ، މުހައްމަދު ތަހުސީން ހެޓްރިކެއްގެ އިތުރުން، މޫސާ މުޝްފިގު ދެ ގޯލާއި ހުސެއިން ހަނީފް ގޯލެކެވެ. އަމިއްލަ އިން ލަނޑުތައް ޖެހީ، ހަމްޒާ އަބޫބަކުރު، އަބްދުލް ސަމީއު ހަލީލް، ނަސްރުﷲ މުހައްމަދު، އަހުމަދު އަހުސަން އަދި މުހައްމަދު އަސްރާރު އެވެ.
ގްރޫޕް ބީގެ މި ވަގުތު ތާވަލަށް ބަލާއިރު، ހަތަރު ޓީމަށް ވެސް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. އެއް ވަނައިގައި އޮތް ފިނޮޅާއި ދެ ވަނައިގައި އޮތް އަނަންތަރާ އާއި ތިން ވަނައިގައި އޮތް އަމިއްލަ އާއި ހަތަރެއްގައި އޮތް ވައްކަރަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ރޭންކިން އެތުރިފައި އޮތީ ލަނޑުގެ ތަފާތުންނެވެ.
ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ވައްކަރުން ކުޅޭނީ އަނަންތަރާއާ އެވެ. އަދި، ފިނޮޅުން ބައްދަލުކުރާނީ އަމިއްލައާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ