ތަޖުރިބާކާރު ދުވުންތެރިޔާ، ޝަމްހާ އަހުމަދު، ރާއްޖޭގެ 10000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާ ކޮށްފި އެވެ.
ޝަމްހާ، 43، މި ރެކޯޑް އާ ކުރީ، އޭނާ ދިރިއުޅެމުން އަންނަ ޖަރުމަނުގައި ކުރިއަށްދިޔަ ރޭހެއްގައި ވާދަކޮށެވެ. އެ ގޮތުން، ޖަރުމަނުގެ ހެމްބާގުގައި ކުރިއަށްދިޔަ، ނައިޓް އޮފް ދި ޓެންސް 2025ގައި ވާދަކޮށް ޝަމްހާ ރޭސް ނިންމައިފައިވަނީ 40 މިިނިޓް 41.83 ސިކުންތުން ނިންމައިފަ އެވެ.
މި އިވެންޓްގެ ރެކޯޑް އެންމެ ފަހުން އޮތީ، މަރިޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. މަރީ މި ރެކޯޑް ހެދީ މީގެ ހަ އަހަރު ކުރިން، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްގެންނެވެ. އެ ގޮތުން، ސައުތު އޭޝިއަން ގޭމްސްގައި މަރީ އެ ރެކޯޑް ހެދީ، 42 މިނިޓް 08.62 ސިކުންތުން ދުވެގެންނެވެ.
މަރީ އަތުގައި އޮތް ރެކޯޑް ޝަމްހާ އަށް ލިބިފައި މި ވަނީ، ގާތްގަނޑަކަށް ދެ މިނިޓެއްހާއިރުގެ ފަރަގަކާ އެކު އެވެ.
ޝަމްހާ ވަނީ މިދިޔަ އަހަރު، ރާއްޖޭގެ އަންހެނުންގެ 5000 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް، މަސް ދުވަސް ތެރޭ ދެ ވަނަ ފަހަރަށް މުގުރާލައިފަ އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު، 18 ވަނަ ދުވަހު، ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް، ޝަމްހާ، 5000 މީޓަރުގެ ރޭސް ނިންމާފައިވަނީ 19 މިނިޓް، 42.45 ސިކުންތުންނެވެ. އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން، ޖަރުމަންގެ ވަސެންބަގްގައި ކުރިޔަށްދިޔަ ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ޝަމްހާ ވަނީ އެ ރެކޯޑް އަނެއްކާ ވެސް އާ ކޮށްފަ އެވެ. ޝަމްހާ، މި ފަހަރު ރެކޯޑް ހެދި ޓައިމިން އަކީ، 19 މިނިޓް، 41.86 ސިކުންތެވެ.
މީގެ ކުރިން ޝަމްހާ ވަނީ، ރާއްޖޭގެ ސްޕްރިންޓް ރޭސްތަކުގެ ރެކޯޑް ވެސް މުގުރާލައިފަ އެވެ. އެ ގޮތުން، 21 އަހަރު ވަންދެން ޝަމްހާ އަތުގައި އޮތް ރާއްޖޭގެ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލީ، 2022 ވަނަ އަހަރު ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި، އައިޝަތު ހިމްނާ ހަސަން އެވެ.
ޝަމްހާ، 10000 މީޓަރުގެ ގައުމީ ރެކޯޑް އާ ކޮށްފި ޝަމްހާ، 10000 މީޓަރުގެ ގައުމީ ރެކޯޑް އާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ