އެންމެންވެސް ކަންބޮޑުވެގެން މިއުޅެނީ ގޭތެރޭގަ މައްސަލަތައް ގިނަކަމުންނެވެ. އެކުވެރިކަމާއި ޢާއިލީ ގުޅުންތައް ކުޑަކަމުންނެވެ. އަދި އެއް ޢާއިލާއެއްގައިވެސް ރުޅިވެރިކަމާ ޙަސަދަވެރިކަން އިތުރުވާތީއެވެ. އެހެންވީމާ އެކަންކަމަށް ޙައްލެއް ހޯދަން ވިސްނަން އަދި މަސައްކަތްކުރަންވެސް އެބަ ޖެހެއެވެ.
އަހަރެމެން އެންމެ ބާރަށް މިގޮވަނީ އެންމެން އެކުވެރިވުމަށެވެ. އެކަކު އަނެކަކު ދެކެ ލޯބިވުމަށެވެ. އެހީތެރިވުމަށެވެ. އެކަމަކު ޚިޔާލުތަފާތުވެލާއިރަށް ގުޅުންތައް ކަނޑާލައި ހިތަށް އެރިހާ އެއްޗެއް ގޮވައި ތަޅާފޮޅައި ގަންނަނީއެވެ. މީސްތަކުންނޭވެ! އެހެންކަމަށްވާއިރު އަހަރެމެންގެ ހިތްތަކުގައި ޝަހާދަތުގެ ދެކަލިމަށް އޮންނަން ޖެހޭނެ ލޯތްބާއި ޤަދަރުކޮބައިހެއްޔެވެ؟
ރަނގަޅަށް ބަލައި ހޯދާށެވެ! އަހުރެމެންގެ (މުސްލިމުންގެ) އެންމެ ބޮޑެތި ޢަދުއްވުން އެންމެ ބޮޑަށް އުފާކުރާނީ އަހުރެމެން ތަޅާފޮޅައިގަތުމުންނެވެ. އެއީ އަހުރެމެންގެ މެދުގައި އެއްބައިވަންތަކަން ނެތިއްޖެނަމަ އަހުރެމެންގެ ތެރެއަށް ވަދެގަންނަން ފަސޭހަވެގެންދާނެތީއެވެ.
އަހުރެމެން އެކަކު އަނެކަކު ދެކެ ރުޅިއަންނަންވީވެސް ލޯބިވާންވީވެސް ޝަހާދަތުގެ ދެކަލިމަށްޓަކައެވެ. ޝަހާދަތުގެ ދެކަލިމައަށް ދޭންޖެހޭ ޤަދަރާއި ޢިއްޒަތް ދެވިއްޖެނަމަ ހަމައެކަކުވެސް އަނެކާއަށް އެއްވެސް އަނިޔާއެއް ނުކުރާނެތެވެ. އެންމެ ކުޑަމިނުން ހިތުގަ ޖެހޭނެ ބަހެއްވެސް ނުބުނާނެއެވެ.
އެހެނީ އެއިރުން އެންމެންވެސް ބޮޑަށް ލޯބިވާނީ ﷲ ތަޢާލާ ދެކެއެވެ. ބޭނުންވާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުމަށެވެ. ދެން ބޭނުންވާނީ މަރުވުމުން ﷲ ތަޢާލާގެ ރަހްމަތަށެވެ. އެހެންކަމަށްވާއިރު އެއްވެސް ކަމަކާއިހެދި އެއްވެސް މީހަކާއި ދެކޮޅުވެރިވާންވީ ކީއްވެގެން ހެއްޔެވެ؟ އެންމެންގެ ލޯބިވުމާއި ބޭނުންވާ ކަންކަން ގުޅިފައިވަނީ ޝަހާދަތުގެ ދެކަލިމައާއި ނޫންހެއްޔެވެ؟
ސުވާލަކީ ޝަހާދަތުގެ ދެކަލިމަ އާއިމެދު މިފަދައިން ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ މިމޭރުމުން ނުވިސްނައި ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރިކަމަށްވެވޭނީ ކިހިނަކުންހެއްޔެވެ؟ އީމާންކަންވެސް ފުރިހަމަވާނީ ކިހިނަކުން ހެއްޔެވެ؟
އަދި ކީއްހެއްޔެވެ؟ މިބަޔާންކުރި ކަންކަން މިގޮތަށް ޤަބޫލުކޮށްފިނަމަ އެގެއެއްގައި އެއްވެސް ދެކޮޅުވެރިކަމެއް ނުއޮންނާނެއެވެ. ޒުވާބެއްވެސް ނުކުރާނެއެވެ. އެންމެންވެސް ދިރިއުޅެމުންދާނީ އުފަލުގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ރުޅިވެރިކަމާ ހަސަދަވެރިކަން ނެތިކޮށްލައި ގޭގަ އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓަން ބޭނުންނަނަމަ ޝަހާދަތުގެ ދެކަލިމަ މިގޮތަށް ޤަބޫލުކޮށް ނިކަން ޢަމަލުކޮށްބަލަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ