އައު ޓާމިނަލުގައި ފަސް ވަގުތު ބަންގީގެ އަޑުއިވޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި ފަރުޟު ފަސް ނަމާދުގެ ވަގުތުތަކުގައި ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފިއެވެ. 
ދިވެހިވަންތަަކަން ރަމްޒުވާ ގޮތަަށް ފަރުމާކޮށްފައިވާ ވީއައިއޭގެ ޓާމިނަލުގައި ފަރުޟު ނަމާދުތަކުގެ ވަގުތު ވަނުމުން ބަންގީގެ އަޑުއިވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލުގައި ފަސް ވަގުތު ބަންގީގެ އަޑުއިވޭނެ ގޮތަށް ހަމަޖައްސައި، އެގޮތަށް މިއަދުގެ އަސްރު ނަމާދު ވަގުތުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ. 
ވީއައިއޭގެ އައު ޓާމިނަލް ހުޅުވައިދެއްވީ ރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ.މުޢިއްޒެވެ. މި ޓާމިނަލަކީ އެއްފަހަަރާ 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތްދެވޭނެހައި ޖާގަ ތަނަވަސް ޓާމިނަލެކެވެ. ފަސިންޖަރުންނަށް ހިދުަމަތް ދިނުމަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް އެތަނުގައި ގާއިމުކޮށްފައިވެއެވެ. 
އެގޮތުން ޓާމިނަލުގައި އަމިއްލައަށް ޗެކްއިން ވުމަށް ބޭނުންކުރާ ކިއޮސްކުތައް ހުންނާނެއެވެ. މަަތިންދާ ބޯޓަށް އެރުމުގެ ކުރިން މަޑުކުރާ ސަރަހައްދުގައި ކޮންމެ ގޮނޑިއެއް ކައިރީ ޗާޖުކުރެވޭނެ ގޮތް ހަމަޖައްސާފައި ހުންނާނެއެވެ. 
މި ޓާމިނަލާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމުގައި ބެލެވެއެވެ. އެގޮތުން 2018 ވަނަ އަހަރު ހުޅުވި ބޮޑު ރަންވޭގެ ފުރިހަމަ ބޭނުންކުރަން ފަށައި، އައު އެއާލައިންތަކުން ރާއްޖެއަށް ދަތުރުކޮށް މިހާރު ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ ޝެޑިއުލް ދަތުރުތައް އިތުރުކުރެވޭނެ ކަމުގައި ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ