ރަށްރަށުގައި ހިނގާ މަޝްރޫއުތަކާއި ސަރުކާރުގެ އެކި މިނިސްޓްރީތަކުން ހިންގާ ޕްރޮގްރާމްތަކުގެ ޕްރޮކިއުއަމަންޓް ނުވަތަ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ ބާރު ސަރުކާރުން ނަގަން، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަކާލާތުކުރައްވައި ރޭ ވާހަކަ ދައްކަވައިފި އެވެ.
ވީކިހިނެއް؟ - ފައްޔާޒު މިހެން ވިދާޅުވީ ނިޒާމަށް 'ރީބޫޓް މޯލްޑިވްސް'ގެ ނަމުގައި ޕްރޮގްރާމްތަކެއް ފަށައިގެން، ރޭ ބޭއްވި ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދަައްކަވަމުންނެވެ.
ޕްރޮގްރާމްގެ ހޯސްޓަކަށް އިންނެވީ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. މަޝްރޫއުތައް ހަވާލުކުރުމުގެ ބާރު ސަރުކާރުން ނެގުމުގެ ވާހަކަ ފައްޔާޒު ފައްޓަވަނީ، ވަހީދު ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ މިދިޔަ ސަރުކާރުގައި އެ ޕާޓީގެ އެތެރެއިން އިސް ބޭފުޅުންތަކެއް ފައްޔާޒަށް އަމާޒުކުރި ކޮރަޕްޝަނުގެ ތުހުމަތުތަކުގެ ވާހަކަ ދައްކަވަމުންނެވެ.
"ސިޔާސީ އެކި ހިޔާލުތަފާތުވުންތަކުގެ ތެރެއިން، އޭރު ވައްޑެމެން ވެސް އަޅުގަނޑަށް ގޮވި ނޫންތޯ ބްރޯއޭ. މިހާރު ނިޒާމު އޮންނަ ގޮތުން ކޮރަޕްޝަނުގައި ބައިވެރިނުވިއަސް ތުހުމަތުތަކުން ބަރީއަވާން ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ،" ވެރިކަމުގެ ނިޒާމަށް އެކި ބަދަލުތައް ގެނައުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ފެށި ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވި އެވެ.
ތަފްސީލް - ފައްޔާޒު ވިދާޅުވި ގޮތުގައި، ހާއްސަކޮށް ތަރައްގީގެ އެކި މަޝްރޫއުތައް ހަވާލުކުރުމުގައި ކޮރަޕްޝަންގެ ތުހުމަތު އަމާޒުވަނީ ހަގީގަތުގައި ވެސް އެކި ސަރުކާރުތަކުގެ ތެރޭގައި އެ ކަން ކުރުމުގައި ކޮރަޕްޝަން ހިމެނޭތީ އެވެ. އެކަމަކު ބައެއް ފަހަރު ސިޔާސީ ބޭނުމަށް ވެސް ކޮރަޕްޝަންގެ ދޮގު ތުހުމަތު އަމާޒުކުރުވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ޓެންޑަރިން އަދި ޕްރޮކިއުއަމަންޓް ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހެނީ ހަގީގަތުގައި ވެސް ކޮރަޕްޝަނެއް އޮތް ކަން ނުވަތަ ނޫން ކަން ޔަގީން ކުރުމަށް ޓަކަައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން، ފައްޔާޒު ހުށަހަޅުއްވާ ބަދަލުތަކަކީ:
ވަކިވަކި މިނިސްޓްރީތަކާއި އޮފީސްތަކުން ޓެންޑާ އިވެލުއޭޓްކުރުމުގެ ބަދަލުގައި ސެންޓްރަލް ޕްރޮކިއުއަމަންޓް ނިޒާމެއް އުފެއްދުން
ޕްރޮކިއުއަމަންޓްތަކަށް ހާއްސަ މުއައްސަސާއެއް ހަދާފައި އެ މުއައްސަސާއިން އެ ކަންކަން ބަލަހައްޓައި ކުރިއަށް ގެންދިއުން
ރަށްރަށުގެ އުމްރާނީ މަޝްރޫއުތަކަށް ކަނޑައަޅާ ބަޖެޓު އެއްކޮށް ކައުންސިލަށް ދޫކޮށްލުން
ސަރުކާރުގެ އިތުރުން ލޯކަލް ކައުންސިލްތަކާއި މަޖިލީހާއި ޖުޑީޝަރީގެ މަސައްކަތްތައް ވެސް ހަވާލުކުރާނެ ބަޔަކު ނިންމުން މިނިވަން މުއައްސަސާއަށް ދޫކޮށްލުން
ބުނީ ކީކޭ؟ - މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ އޭރު އޭނާއަށް އެންމެ އުނދަގޫވި އެއް ކަމަކީ ވެސް ކޮރަޕްޝަންގެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް މާ ގިނަ ވަގުތުތައް ހޭދަކުރަން ޖެހުމެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫވި ކަމެއް އަޅުގަނޑުމެން ހަމަ ވަރަށް ގަދައަޅައި މަސައްކަތްކުރަމުން ދަނިކޮށް، އަޅުގަނޑުމެންގެ މެނިފެސްޓޯ ތަންފީޒުކުރުމާއި ކޮވިޑްގެ ހާލަތުގައި ކުރިމަތިވި ކަންކަމުން އަރައިގަތުމާއި ރައްޔިތުންނަށް ހުރި ދަތިތައް ކުޑަކުރަން ވެގެން މަސައްކަތް ކުރުމާއި، މި ކަންކަމުގައި އުޅެނިކޮށް ކޮރަޕްޝަންގެ ތުހުމަތުތަކާ ވެސް އުޅެން ޖެހުން،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި، ވަކި މަސައްކަތްތަކެއް ހަވާލުކުރާ ބަޔަކާ މެދު ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުގެ ކަންބޮޑުވުން ހަގީގަތުގައި އޮވެގެން ނުވާނެ އެވެ. އެއީ ސަރުކާރާ ބެހުމެއް އޭގެ ޒާތުގައި ވެސް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ދުނިޔޭގައި ވެސް ވަރަށް އާ ހިޔާލެއް. [އެކަމަކު] އަޅުގަނޑުގެ ހުށަހެޅުމަކީ ހަމަ އެއްކޮށް [ސަރުކާރާއި ޕްރޮކިއުއަމަންޓް ނިޒާމު] ވަކިކޮށްލުން. އަޅުގަނޑުމެންނަށް ކީއްތޯ އެވެނި މަސައްކަތެއް އެވެނި ބަޔަކާ ހަވާލުކޮށްގެނެއް،" ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި ވެސް ދެކެފީމޭ. އަޅުގަނޑުމެންގެ ރައީސް އާއި ވަޒީރުން މުހިންމު އެތައް ވަގުތެއް ހޭދަކުރަން ޖެހުނޭ އެކިއެކި ރަށްރަށުގެ ބަނދަރުގެ ކަންކަން ހުރި ގޮތާއި، ފުޓުސަލް ދަނޑު އެޅުމުގެ ކަންކަން ހުރި ގޮތް ބެއްލެވުމުގައި."
ސަރުކާރުން ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ކައުންސިލަކުން ހުށަހެޅުމުން އެ ކަމެއް ބަޖެޓުގައި ހިމެނުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ދެން އެ މަޝްރޫއުތަކުގެ ބަޖެޓު ވެސް ވަކި މިނިސްޓްރީއަކާ ހަވާލުކުރުމުގެ ބަދަލުގައި ދޫކޮށްލަންވީ ކައުންސިލްތަކަށް ފައްޔާޒު ވިދާޅުވި އެވެ.
"ރަށްރަށުގައި އަޅާ ސްކޫލާއި، ރަށްރަށުގައި އަޅާ މިސްކިތާއި، ރަށްރަށުގެ ބަނދަރާއި، ރަށްރަށުގައި އަޅާ ބަށިކޯޓާއި، ރަށްރަށުގެ މަގުތަކުގައި ގާ އެތުރުމާއި، މިހެން ހުންނަ ކަންކަމަކީ ވެސް ސަރުކާރުގެ ބެހުމެއް ނެތް ކަންކަން ގޮތުގައި،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ ވިސްނުން: މަޝްރޫއުތަކުގެ ބިޑުތައް ސަރުކާރުގެ ބާރުން ނެގުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ