ބީއެމްއެލްގެ ދެވަނަ ކުއާޓަރުގެ ފައިދާ 558 މިލިއަނަށް؛ %24 އިތުރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 558 މިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %24ގެ ކުރިއެރުމެއް ހޯދައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން ވަނީ އޭޕްރީލުން ޖޫން މަހުގެ ނިޔަލަށް ހޭދަވި ތިން މަހުގެ މާލީ މައުލޫމާތު މިއަދު އާންމުކޮށްފަ އެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނި ގޮތުގައި، މިދިޔަ ކުއާޓަރުގައި އެ ބޭންކަށް:
ހިންގުމުގެ ފައިދާގެ ގޮތުގައި 790 މިލިއަން ރުފިޔާ ލިބުނު
ސާފު ފައިދާގެ ގޮތުގައި 558 މިލިއަން ރުފިޔާ ލިބުނު؛ މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %24ގެ ކުރިއެރުމެއް 
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބީއެމްއެލްގެ މާލީ ހިސާބުތަކަށް ބަލާއިރު:
ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބުނު؛ މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު %12ގެ ކުރިއެރުމެއް 
ހިންގުމުގެ ފައިދާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބުނު؛ މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %6 ގެ ކުރިއެރުމެއް
ދެވަނަ ކުއާޓަރު ނިމުނުއިރު ބީއެމްއެލް އިން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އަދަދު ހުރީ 21.3 ބިލިއަން ރުފިޔާގަ އެވެ. އެގޮތުން، ދެވަނަ ކުއާޓަރުގެ ނިޔަލަށް އެ ބޭންކުން ވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް 3 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، 33.6 ބިލިއަން ރުފިޔާގެ ޑިޕޮސިޓާ އެކު ޖުމްލަ އެސެޓް ހުރީ 51 ބިލިއަން ރުފިޔާގަ އެވެ. އަދި ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށް ވުރެ މަތީގައި ދެމަހައްޓާފައިވެ އެވެ.
ބުނީ ކީކޭ؟ - "މި ކުއާޓަރުގައި ބޭންކުން ހޯދި ހަރުދަނާ ނަތީޖާއަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ މުވައްޒަފުން މަސައްކަތަށްދޭ އަހުމިއްޔަތުކަމާއި އަޅުގަނޑުމެންގެ ސްޓްރެޓެޖީގެ ހަރުދަނާކަން،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފާފައިވާއިރު، އަޅުގަނޑުމެން މިދަނީ ދެމެހެއްޓެނިވި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ވީހާ ވެސް ފަސޭހައިން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ފައިދާ އިތުރުކުރުމާ އެކު ގައުމަށް ފައިދާކުރާނެ އަދި މަންފާ ލިބޭނެ ބަދަލުތަކެއް ގެނައުން."
އުފެއްދުންތެރި ކުއާޓަރެއް
މިދިޔަ ކުއާޓަރުގައި ބީއެމްއެލްއިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވައި ހިއްސާދާރުންނަށް ހިއްސާއަކަށް 55ރ.ގެ މަގުން 296 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހަން ފާސްކޮށްފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ބެހެއްޓުމަށް ހިންގާ 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއު ވެސް އެ ކުއާޓަރުގައި ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. އެގޮތުން:
ނ. މ. ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައިވޭ 
ކ. ހުރާގައި އޭޓީއެމް ބެހެއްޓި؛ އެއާ އެކު، ކ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފައި
މީގެ އިތުރުން، ދެވަނަ ކުއާޓަރުގައި ތިމާވެށި ހިމާޔަތްކުރުމަށް ބޭންކުން ވަނީ 'އީއެންވީ ޕީއޯއެސް' ތައާރަފްކޮށްފަ އެވެ. މި ޕްރޮގްރާމްގެ ދަށުން:
ބީއެމްއެލް ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެ 
މި ޕްރޮގްރާމަށް ކަސްޓަމަރުން ވެސް އަދި ވިޔަފާރިތަކުން ވެސް އެއްވެސް އިތުރު ހަރަދެއް ކުރާކަށް ނުޖެހޭނެ
ފާހަގަކޮށްލެވޭ - މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު:
ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗު 
133 ސެލްފް ސާވިސް ބޭންކިން ސެންޓަރު 
188 އޭޓީއެމް 
އެޖެންޓް ބޭންކިން
އޮންލައިން އަދި މޯބައިލް ބޭންކިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ