ޕެރިސް (ޖޫން 30) - މަނާބޭހާ ގުޅޭ ސަސްޕެންޝަނަކާ ހެދި 18 މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު ޕައުލް ޕޮގްބާ، މޮނާކޯއާ އެކު އެއްބަސްވުމުގައި ސޮއިކުރި ވަގުތު ރޮވުނު ސަބަބު އޮޅުންފިލުވައިދީފި އެވެ.
ޕޮގްބާ، 32، މޮނާކޯ އަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ކްލަބާ އެކު، ސޮއިކުރުމަށް ފަހު، މޭޒުމަތީގައި ބޯއަޅައިގެން އޮވެ، ޕޮގްބާ ރޮއިހަދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް ވަނީ ވައިރަލްވެފަ އެވެ.
ފްރާންސާ އެކު، 2018 ވަނަ އަހަރު ފީފާ ވޯލްްޑް ކަޕް ކާމިޔާބުކުރި ޕޮގްބާ ވަނީ، މޮނާކޯއާ އެކު އެއްބަސްވުން ހެދުމަށް ފަހު ރޮވުނީ ވަރަށް ޖަޒުބާތީ ހަނދާންތަކެއް ހިތައް އެރުމުން ކަމަށް ބުނެފަ އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީއިން ވިދާލި ޕޮގްބާ ވަނީ އެ ޓީމަށާއި އިޓަލީގެ ޔުވެންޓަސް އަށް ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. މަނާ ބޭހުގެ މައްސަލާގައި އޭނާ ފުރަތަމަ ވަގުތީ ގޮތުން ސަސްޕެންޑުކުރީ 2023 ގެ ސެޕްޓެމްބަރު މަހު އެވެ. ވަގުތީ ސަސްޕެންޝަނުގައި ހުއްޓާ ދެވަނަ ފަހަރަށް ނެގި ސާމްޕަލް ވެސް ވަނީ، މަނާބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ޓެސްޓޯސްޓެރޯން އަށް ޕޮޒިޓިވްވެފަ އެވެ. އެއާއެކު ޕޮގްބާ އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައި ނަމަވެސް ޕޮގްބާގެ ފަރާތުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް)ގައި ޕޮގްބާގެ ފަރާތުން ރަޖިސްޓްރީކޮށް، ކުރިއަށްގެންދިޔައިރު، ކާސް އިން ނިންމީ ޕޮގްބާގެ ސަސްޕެންޝަން 18 މަސް ދުވަަހަށް ކުޑަކޮށްދިނުމަށެވެ.
މަނާބޭހަށް ސަސްޕެންޑްކުރިއިރު، ޕޮގްބާ، ޔުވެންޓަސް ކޮންޓްރެކްޓްގައި ހުރި ނަމަވެސް، މިދިޔަ އަހަރު ނޮވެމްބަރު މަހު، އެ ޓީމުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެެވެ.
ޕޮގްބާ ބުނީ، ޔުވެންޓަސް އިން ސަސްޕެންޝަން ތެރޭގައި އޭނާއާ މެދު ކަންތައް ކުރީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ.
"ސަސްޕެންޝަންގައި އަހަރެން ހުރިއިރު، ފިިޒިކަލް ފިޓްނަސް ކަންކަން ނޫނީ ސައިކޮލޮޖިކަލީ އަހަރެން ރަނގަޅަށް ހުންނަން ތެރަޕީ ނަގަން ހާއްސަ މީހެއްގެ އެހީ ހޯދަން ބޭނުންވިއިރު، ކްލަބުން (ޔުވެންޓަސް އިން) އަހަންނަށް އެހީނުވި. އަހަރެން ކްލަބްގެ ކޮންޓްރެކްޓްގައި ހުރި އިރު ވެސް އެހީއެއް ނުވި. އަހަރެންގެ ހިތަށް ވަރަށް އަސަރުކުރި އެކަމާ،" ޕޮގްބާ ބުންޏެވެ.
ޔުވެންޓަސް ނިސްބަތްވާ ޓިއުރިންގައި އޭނާގެ އާއިލާ ގޮވައިގެން އުޅުނީ، ދަނޑާ ވަރަށް ކައިރީގައި ކަމަށާއި، ސަސްޕެންޝަން ފަދަ އުނދަގޫ ވަގުތުތަކެއްގައި، އާއިލާ އަށް ދޭން ޖެހޭ އެހީތެރިކަން ދިނުމަށް ވެސް ކްލަބުން ލިބެންޖެހޭ އެއްބާރުލުން ނުލިބުނު ކަމަށް ޕޮގްބާ ފާހަގަކުރި އެވެ.
މާލީ ގޮތުން ވެސް އުނދަގޫ ވަގުތުތަކެއް ދިޔައިރު، އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ވަރަށް މަދު ބައެއް ކަމަށް ޕޮގްބާ ވަނީ ބުނެފަ އެވެ.
ޕޮގްބާ އަށް ރޮވުނީ 18 މަސް ދުވަހުގެ ހިތި ހަނދާންތަކުގެ ސަބަބުން ޕޮގްބާ އަށް ރޮވުނީ 18 މަސް ދުވަހުގެ ހިތި ހަނދާންތަކުގެ ސަބަބުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ