އަބްދުﷲ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވާފައި: ރައީސް

ސައުދި އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒަކީ މުޅި މެދުއިރުމައްޗަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައި އެ ސަރަހައްދުގެ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ވަރަށް ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރަސްގެފާނު އަބްދުﷲ ރޭ މެންދަމްގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން ސައުދި އަރަބިއްޔާގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގަ އެވެ.
ރައީސް ޔާމިންގެ މެސެޖުގައި ވިދާޅުވީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ގޮވާލައްވައި 2002 ވަނަ އަހަރު އަބްދުﷲ ރަސްގެފާނު އެކުލަވާލެއްވި ސުލްހައިގެ މަޝްރޫއަކީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެވެމުންދާ ހުރިހާ މަސައްކަތެއްގެ އަސްލު ކަމަށެވެ. މީގެ އިތުރުން ތަފާތު ސަގާފަތްތަކާއި، އެކި ދީންތަކުގެ މީހުންގެ މެދުގައި ހަމަޖެހުން ގާއިމް ކުރެއްވުމަށް އަބްދުﷲ ރަސްގެފާނު އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކަމުގައިވެސް ވިދާޅުވި އެވެ. ހާއްސަ ގޮތެއްގައި ސައުދި އަރަބިއްޔާގެ ތައުލީމާއި އަދި އެހެނިހެން އިޖްތިމާއީ ދާއިރާތައް ތަރައްގީކުރެއްވުމުގައި މޭސްތިރިއެއްގެ ގޮތުން އަބްދުﷲ ރަސްގެފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތައް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.
ރައީސްގެ މެސެޖުގައި ވިދާޅުވީ އަބްދުﷲ ރަސްގެފާނު އަވަހާރަވުމަކީ ސައުދި އަރަބިއްޔާގެ ރައްޔިތުންނަށާއި، މުޅި މުސްލިމް އުއްމަތަށާއި، އަދި މުޅި ދުނިޔެއަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި ރަސްގެފާނު އަބްދުﷲ އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސައުދީ ރަސްގެފާނަށާއި، އެ ގައުމުގެ ރައްޔިތުންނަށް ރައީސްގެ މެސެޖުގައި ވަނީ ހަމްދަރީ ފޮނުއްވާފަ އެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ އަބްދުﷲ ރަސްގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމަށް އެދި ދުއާ ކުރައްވަމުންނެވެ. އަދި ސައުދީ ރަސްގެފާނަށާއި، ޝާހީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް ރައީސްގެ މެސެޖުގައި ވަނީ އެދިވަޑައިގެންފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ