އޮމާންއަށް ކުރެއްވި ދަތުރުފުޅަށް ފަހު މައުމޫން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޮމާން އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބުދުލްގައްޔޫމް މިއަދު ރާއްޖެ ވަޑައިގެންފި އެވެ. އޮމާންގެ ރައީސް އަށް ރައީސް ޔާމީން ފޮނުއްވި ސިޓީފުޅު ހިފައިގެން ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ އެ ދަތުރުގައި އޮމާންގެ އިންވެސްޓަރުން ރާއްޖެއައިސް އިންވެސްޓް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމާގުޅޭ ޕްރޮޕޯސަލް ވެސް އެބޭފުޅުންނަށް އެރުވި ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރެވެން ހުރީ ކޮންކޮން ދާއިރާއަކުންތޯ ބެލުމަށް އެގައުމުން ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. "ދެގައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަ ދެކެވެނު. ވަރަށް އަވަހަށް އެގައުމުގެ ބައެއް ބޭފުޅުން (ރާއްޖެ) ވަޑައިގަންނަވާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ