ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެދާނެ ކަަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމަށެވެ.
މެޓް އޮފީހުން ވިދާޅުވީ، މި ސަރަހައްދުތަކަށް މިރޭ ބޯކޮށް ވާރޭވުހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ ފަތިހު 5:00 ގައެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވެފައި ވަނީ، ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާކެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާކަމަށްވެސް ހާމަކޮށްފައި ވެއވެެ.
މީގެ އިތުރުން، އެންމެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުތަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެންމެ ދެކުނުގެ އަތޮޅުތަކުގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެެދިފައެވެ.
އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ