އެމްޑީޕީން ހުށަހެޅި އެއްވެސް ކަމެއް ކޮށްދިނުމަށް މިހާތަނަށް ސަރުކާރުން އެއްބަހެއް ނުވަން: އުމަރު

އިދިކޮޅު އެމްޑީޕީން ހުށަހެޅި އެއްވެސް ކަމެއް ކޮށްދިނުމަށް ސަރުކާރުން މިހާތަނަށް އެއްބަސްވެފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ ސަރުކާރާ އެމްޑީޕީއާ އެކު ކުރާ މަޝްވަރާ ބައްދަލުވުންތައް މިނިވަން ފަންސާހާ ގުޅިގެން މެދުކަނޑާލާފައިވާ ކަމަށާއި އެކަން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫއަށް) އެމަނިކުފާނު އަންގަވާފައިވާނެ ކަމަށެވެ. "ސަރުކާރުން އެއްވެސް ކަމެއް ކޮށްދޭން އެއްބަހެއް ނުވަން. 100 ޕަސެންޓު ޔަގީން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އަނގަބަހުން ވެސް އަދި އެނޫން ގޮތަކަށް ވެސް އެމްޑީޕީން ހުށަހެޅި އެއްވެސް ކަމެއް ކޮށްދޭން ސަރުކާރުން އެއްބަސްވެފައިނުވާނެ ކަމަށެވެ. އަދި އެ ޕާޓީން ހުށަހަޅާފައިވާ ކަންތައްތަކާ މެދު ގޮތެއް ނިންމޭނީ މަޝްވަރާކޮށްގެން ކަމަށް ވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ. "މިނިވަން50 ގެ ކަންތައް ނިމުނުހާ އަވަހަކަށް މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންދާނެ ކަމަށް އަޅުގަނޑު ވާނީ އިބޫއަށް ދަންނަވާފައި،" އުމަރު ވިދާޅުވި އެވެ. މަޝްވަރާތައް ކުރިއަށްދާތީ މަޝްވަރާ ކުރަން ހުށަހަޅާފައިވާ ކަންތައްތަކާ މެދު އެއްބަޔަކު އަނެއްބަޔަކަށް ރައްދުދީ ހެދުން ވަނީ ހުއްޓާލާފައި ކަމަށާއި ނަމަވެސް އެފަދަ ކަމެއް އެމްޑީޕީން ކުރާނަމަ އެއީ ވާހަކަތަކުގެ ރޫހާ ޚިލާފު ކަމެއް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކުރިން ވެސް ވިދާޅުވިފަދައިން ސަރުކާރު އޮތީ އެމްޑީޕީއާ އަދި އެނޫންވެސް ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށްގެން ދިވެހި މުޖުތަމައުއަށް ހަމަޖެހޭ ގޮތްތަކެއް ހޯދައިދިނުމުގެ އުންމީދުގައި ކަމަށެވެ. ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީއާ އެކު ކުރާ މަޝްވަރާގައި އެ ޕާޓީގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާ އިބްރާހީމް މުހައްމަދު ސޯލިހު ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އެމްޑީޕީން ދާދިފަހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ސަރުކާރުން އެދުނު ކަންތައްތައް އެމްޑީޕީން ވަނީ ކޮށްދީފައި ކަމަށާއި އެހެންކަމުން އެ ޕާޓީން އެދުނު ކަންތައްތައް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ