ހަމަލާގެ މައުލޫމާތު ލިބި ފިޔަވަޅު ނޭޅުއްވުމަކީ މާރިޔާގެ އިހުމާލު، އިސްތިއުފާ ދެއްވާ: އުމަރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު ލިބި، އެކަމަށް ފިޔަވަޅު ނޭޅުއްވުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ބަޔަކު ރާވައިގެން ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އާންމުން މީހެއްގެ ފަރާތުން ލިބުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަނީ އެކަން މިނިސްޓަރު މާރިޔާއާ ހިއްސާކުރައްވާފަ އެވެ. ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވަނީ އެކަން ކަށަވަރުވެސް ކޮށްދެއްވާފަ އެވެ. "މެންބަރަކު އަޅުގަނޑަށް ގުޅުއްވި، ވިދާޅުވީ ރައީސް ނަޝީދަށް ބަޔަކު ތިން މިލިއަން ޑޮލަރު ދީގެން ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކައެއް އަޑުއެހީމޭ، މާރީ ރައީސަށް ބައްލަވައްޗޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ތިކަން ބަލަމުން ދާނަމޭ، ތިކަމަކީ ޖިނާއީ ކަމަކަށްވާތީ މެންބަރުވެސް ތިވާހަކަ ސީޕީއަށް އަންގަވައްޗޭ، އަދި ތިކަހަލަ ވާހަކައެއް އަޑުއިވުނުކަން ރައީސް ނަޝީދަށްވެސް ދަންނަވައްޗޭ، އެހެން ބުނުމުން މެންބަރު ވިދާޅުވީ މާރީ އަންގާލާށޭ، އެހިސާބުންވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން ފުލުހުންނަށްވެސް އޭގައި ހިމެނޭ ޖިނާއީ ބައި މެންބަރު އަންގަވަން،" ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު މާރިޔާ ވިދާޅުވެފައިވެ އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ-- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް މިކަމާ ގުޅިގެން އުމަރު ވިދާޅުވީ މިނިސްޓަރު މާރިޔާއަށް މައުލޫމާތު ލިބި އެކަމަށް ފިޔަވަޅު ނާޅުއްވައި އޮއްވާ ރައީސް ނަޝީދަށް ހަމަލާއެއް ދެވުނު ކަމީ މިނިސްޓަރުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި ވަގުތުން މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. "މިފަދަ ސީރިއަސް އިހުމާލުތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ. ތިން މިލިއަން ޑޮލަރު ހުށަހަޅައިގެން މިފަދަ ނުރައްކާތެރި ކަމެއް ރާވާކަމުގެ މައުލޫމާތު މަޖިލީހުގެ މެމްބަރަކު މިނިސްޓަރު މާރިޔާއަށް ފޯރުކޮށްދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރު މާރިޔާގެ ގާނޫނީ ޒިންމާއެއް. އިސްތިއުފާ ދެއްވާ،" އުމަރު ވިދާޅުވި އެވެ. ނަޝީދަށް ހަމަލާއެއް ދޭން ބަޔަކު ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގަތްއިރުވެސް ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އޮތީ އެންމެ މަތީ ދަރަޖަ ކަމަށްވާ "ކްރިޓިކަލް ރިސްކް ލެވެލް"އަށް މަތިކޮށްފައި ކަމަށް ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ. ހައި ރިސްކުން އެ ސްޓޭޓަސްއަށް ސެކިއުރިޓީ ދަރަޖަ މަތިކުރީ މީގެ ދެ މަހެއްހާ ދުވަސްކުރިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަމައެއާއެކު މައުލޫމާތު ހިއްސާކުރެއްވި މެމްބަރު ދެއްކެވީ ސީދާ އެ ހަމަލާގެ ވާހަކަ ނޫން ކަމަށާއި އެ ހަމަލާއާ ގުޅޭ އެއްވެސް އިންޓެލިޖެންސެއް ނުލިބޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ރާއްޖޭގައި ފަރުވާ ހޯއްދެވުމަށްފަހު އިއްޔެގެ ވަގުތެއްގައި އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ވަނީ ފުރާވަޑައިގެންފަ އެވެ. ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެކަން މިނިސްޓަރު މާރިޔާއަށް ހިއްސާ ކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ