ޔާމީން އެދިވަޑައިގަތުމުން ޝަރީއަތް ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް މިއަދު ކެންސަލްކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ދައުލަތުން ކުރަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ކެންސަލްކުރީ ޔާމީންގެ އެދިވަޑައިގަތުމަކަށް ކަމަށް ކޯޓުން ބުންޏެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ދާދިފަހުން ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތުން ވަނީ ނިންމަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ