ދިރާގުފޭއިން ފިއެސް ސިސްޓަމުން ފައިސާ ދެއްކޭނެ

ދިރާގު ޕޭ ބޭނުންކޮށްގެން ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ސިސްޓަމެއް ކަމުގައިވާ ފިއެސް IdzLink އާ އިންޓެގްރޭޓް ކޮށްފި އެވެ. މީގެ ނަތީޖާއަކީ ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު IdzLink ގެންގުޅޭ ރީޓެއިލް ފިހާރަތަކުގައި ފައިސާ ދެއްކޭނެ ފުރުސަތު ފަހިވުމެވެ.ދިރާގުން ބުނީ މި ނިޒާމުން ފިއެސްގެ ހިދުމަތްތައް ބޭނުންކުރާ ވިޔަފާރިތަކުގައި ފައިސާ ދެއްކުމަށް ސޭލް ނިމުމާއެކު ދިރާގު ޕޭއިން ކަސްޓަމަރުގެ ފޯނަށް އޯޓީޕީއެއް ފޮނުވާނެ ކަމަށެވެ. އޯޓީޕީ ދިނުމާއެކު ފައިސާ ދެއްކޭނެ އެވެ. އަދި އޮންލައިން ކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވެސް ޕީއޯއެސް މެދުވެރިކޮށް ދިރާގު ޕޭ އިން ފައިސާ ދެއްކޭނެ އެވެ. އަދި އެ އިންޓަގްރޭޝަން މެދުވެރިކޮށް ދިރާގުގެ ބިލް ދައްކައި ރީލޯޑް ވެސް ކުރެވޭނެ އެވެ.ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު މުހައްމަދު ނަހުޝަން ވިދާޅުވީ އެ އިންޓަގްރޭޝަންގެ ސަބަބުން އައިޑީޒީ ލިންކް ބޭނުން ކުރައްވާ ވިޔަފާރި ތަކުން ފަސޭހަކަމާއި އެކު ދިރާގުޕޭއިން ފައިސާ ބަލައިގަންނާނެ ކަމަށެވެ. އަދި ދިރާގުޕޭ ކަސްޓަމަރުންނަށް ވެސް ވިޔަފާރި ކުރުމަށް އިތުރަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ."އަޅުގަނޑުމެންގެ އަމާޒަކީ ދިރާގުޕޭ ވީހާ ވެސް ގިނަ މިފަދަ ޕްލެޓްފޯމް ތަކުގައި ބޭނުން ކުރެވޭނެ މަގު ފަހި ކުރުން" ނަހުޝަން ވިދާޅުވި އެވެ. ފި-އެސް ސިސްޓަމްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިކްރާމް ހަސަން ވިދާޅުވީ IdzLink އަކީ ފިހާރަތަކާ ކަސްޓަމަރުންނާއި ގުޅުވައިދީ، ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ، ހިލޭ އޮންލައިން ވިޔަފާރި އެޕްލިކޭޝަން އަދި ޑެލިވަރީ އެޕްލިކޭޝަން އެޅުމާއި ސެޓަޕް ހަދަން ބޭނުންކުރެވޭނެ ނިޒާމެއް ކަމަށެވެ."މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަދި ދިރާގުޕޭގެ ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން. ފި-އެސް ގެ ސޮފްޓްވެއާތައް މެދުވެރިކޮށް ވިޔަފާރިތައް މުޅިން އޮޓޮމޭޓް ކުރެވޭނެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗްތައް ހުންނަ ވިޔަފާރިތަކަށް ވެސް ހެޑް އޮފީހުން އެ ބްރާންޗްތައް މި ނިޒާމުގެ ތެރެއިން ހިންގޭނެ" އޭނާ ވިދާޅުވި އެވެ.ފިއެސް އަކީ ރާއްޖޭގެ ސޮފްޓުވެއާގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. ފިއެސްގެ ހިދުމަތްތައް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގައި މިހާރު ބޭނުންކުރެ އެވެ. އޭގެ ތެރޭގައި އަގޯރާ، ސިމްޑީ ކޮމްޕެނީ، އެލިއާ އިންވެސްޓްމެންޓް، ނަލަހިޔާ ޓްރޭޑިން، ރިލެކްސް މޯލްޑިވްސް، ނޮލެޖް ބުކްޝޮޕް، ޗާންދަލިއާ ބުކްޝޮޕް، ޓެޕް ކޮންސްޓްރަކްޝަން، އެލް މޯބައިލް، ވެލިގާ ހާރޑްވެއާ، މުނި އެންޓަޕްރައިސް، ޝީޝާ، ސީލިންކް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ