ފްލައިން ސްކޫލު ފޮނުވައެއް ނުލާނަން، ގަމުގަ ފްލައިން ސްކޫލް ހުންނާނެ: ގަން އެއާޕޯޓު

ޕައިލެޓު ކަމަކީ މިއަދު އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް ގިނަ ޒުވާނުން ކުރުމަށް ޝަޢުގުވެރިވާ ކަމެކެވެ. މިކަން ސަރުކާރުން މަތީ ތަޢުލީމު ކިޔެވުމަށް ދޫކުރާ ލޯން ސްކީމުން އެކަނިވެސް ފާހަގަކުރެވެއެވެ. ޕައިލެޓުކަން ކިޔެވުމަކީ ބޮޑު ހޭދައެއްދާ ކަމެކެވެ. އެހެންކަމުން ދިވެހި ޒުވާނުން އަބަދުވެސް ކުރަމުންދިޔަ އެއް އުއްމީދަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ޕައިލެޓުކަން ކިޔެވޭނެ ދުވަހެއް އައުމެވެ.
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް(އޭއޭއޭ) އިން އައްޑޫ ސިޓީ ގަމުގައި ފުލައިން ސްކޫލް ރަސްމީކޮށް ޤާއިމް ކުރުމުން ޕައިލެޓުކަން ކިޔެވުމަށް ބޭނުންވެފައި ތިބި އެތައް ޒުވާނުންގެ ހިތްތަކަށް އުފާވެރިކަން ގެނުވިއެވެ. މިފަދަ ބޮޑު ކަމެއް އަޅުގަނޑުމެން ފަދަ މަދު މީސްކޮޅެއް ދިރިއުޅޭ ރާއްޖެއަށް ބަޔަކު މީހުން ގެނައުމަކީ އަހަރުމެންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. ކޮންމެއަކަސް އައްޑޫ ސިޓީ ގަމުގައި 2010ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެއްވަނަ ދުވަހު މި ދެންނެވި ފްލައިން ސްކޫލް ހުޅުވިއެވެ.
އައްޑޫ ސިޓީގައި ހުޅުވި ފްލައިން ސްކޫލުން މުޅި އައްޑޫއަށްވެސް އިގްތިސޯދީ ގޮތުންވެސް މަންފާތަކެއް ކުރާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރިއެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕައިލެޓުކަން ކިޔެވުމަށް ބޭނުންވާ ކުދިން އައްޑޫއަށް އައުމުން އައްޑޫ ސިޓީއަށް އެކަމުގެ ސަބަބުން މަންފާތަކެއް އަންނަނީ ކުރަމުންނެވެ. އަދި އައްޑޫ ސިޓީގެ ވައިގެ ބަނދަރުގައި ޤާއިމްކުރި ފްލައިން ސްކޫލުގެ ސަބަބުން މުޅި އައްޑޫ ސިޓީއަށް އަދި ވަކިން ޚާއްސަކޮށް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް އެކަމުން ފައިދާ ކުރާނެ ކަމަށް އައްޑޫ ރައްޔިތުން އުއްމީދު ކުރަމުންދިޔައެވެ.
ފްލައިން ސްކޫލު ހުޅުވާ ޕައިލެޓުކަން ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ހުޅުވާލުމާއިއެކު ވެސް އެކަމަށް އޮތް ޝައުގާއި ތަރުޙީބު ހާމަވެގެން ދިޔައެވެ. ފްލައިން ސްކޫލު ގާއިމްކުރުމުގެ އެއްބަސްވުމުގައި 21 ޖެނުއަރީ 2009 ގައި އޭރުގެ ސަރުކާރުން ސޮއިކޮށްފައިވާއިރު ރަސްމީކޮށް ފުލައިން ސްކޫލް ގަމުގައި ހިންގުން އޭއޭއޭއާ ހަވާލުކޮށްފައި ވަނީ 28 ޖެނުއަރީ 2009 ގަ އެވެ. ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ޤާއިމުކޮށްފައިވާ އައްޑޫ ފްލައިން ސްކޫލުގެ އެއްބަސްވުމުގެ މުއްދަތަކީ އެކެއް ފެބުރުއަރީ 2009 އިން ފެށިގެން 10 އަހަރެވެ. އެހެންކަމުން އަންނަ އަހަރަކީ ފްލައިން ސްކޫލުގެ މުއްދަތު ހަމަވާ އަހަރެވެ.
މީގެ އަހަރުތަކެއް ކުރިންވެސް ފްލައިން ސްކޫލް ހުއްޓާލަން އުޅޭ ކަމުގެ ޚަބަރުތަކެއް ފެންމަތިވެގެން ދިޔައެވެ. އަދި ފްލައިން ސްކޫލް ހިންގާ ސްރީ ލަންކާގެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިގެން އުޅޭ ކަމަށްބުނެ ބައެއް މީޑިއާތަކުގައި އެކަމުގެ ޚަބަރުތައްވެސް ފެތުރިގެންދިޔައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އައްޑޫ ފްލައިން ސްކޫލުގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުން އަންނަނީ އެ ތަޢުލީމު އުނގެނެމުންނެވެ. ނަމަވެސް އަންނަ އަހަރަކީ ފްލައިން ސްކޫލުގެ އެގްރީމަންޓް ހަމަވާ އަހަރު ކަމަށްވުމުން އައްޑޫ ސިޓީގެ ގިނަބައެއްގެ ހިތުގައިވެސް އަދި ޕައިލެޓުކަން ކިޔަވަން ބޭނުންވާ އެހެން ކުދިންގެވެސް ހިތުގައި ފްލައިން ސްކޫލު އިތުރަށް އައްޑޫގައި ހިންގުމުގެ ހުއްދަ ދިވެހި ސަރުކާރުން ދޭނެތޯ ސުވާލު އުފައްދާނެއެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފްލައިން ސްކޫލް ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން. އެހެންނަމަވެސް މި މަސައްކަތް ކުރަމުންދާންޖެހޭނީ "ވިން-ވިން" ސިޗުއޭޝަނުގައި. އަޅުގަނޑުމެން ގަމުން ވަރަށް ބޮޑެތި ސެކްރިފައިޒަތައް ވެގެން އެހުރީ ފްލައިން ސްކޫލް ތަރައްގީކޮށްދެވި ވަރަށް ބައިވަރު ސްޓޫޑެންޓުން ކިޔަވަމުން އެދަނީ. އޭގެ އިތުރަށް ހަމަ އޭގެއިންވެސް ގަމަށް އާމްދަނީ ލިބެން އެބަޖެހޭ. އެހެންވީމަ އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން މަސައްކަތްކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ ގަމުގަ ފްލައިން ސްކޫލް ހުންނާނެ،" އައްޑޫ ފްލައިން ސްކޫލާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ގަން އިންޓަނޭޝަންލް އެއާރޕޯޓްގެ މެނޭޖިންގެ ޑިރެކްޓާރ އަހްމަދް ލަތީފް ވިދާޅުވިއެވެ.
ދުއިސައްތައަށްވުރެ ގިނަ ދަރިވަރުން މިހާރުވެސް ތަޢުލީމް ޙާޞިލް ކުރަމުންދާ ފްލައިން ސްކޫލަކީ މުޅި އޭޝިއާ ސަރަޙައްދުގައިވެސް ހިންގަމުން ގެންދާ އެންމެ ބޮޑު ފްލައިން ސްކޫލެވެ. ލަތީފް ވިދާޅުވީ އެއްބަސްވުން އާކުރުމާއި ބެހޭގޮތުން އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް(އޭއޭއޭ) އާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ލަތީފް ވިދާޅުވީ ގަން އިންޓޭޝަނަލް އެއަރޕޯޓުން ބޭނުންވަނީ އައްޑޫގަ ފްލައިން ސްކޫލެއް ތަރައްގީކޮށް، ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްކުރެވޭނެތޯ ބެލުން ކަމަށެވެ.
"މިހާރު އެވަނީ އެ ބިޒްނަސް ބިލްޑް ކޮށްދެވިފަ އަޅުގަޑުމެންނަށް. ގަމުން ވަރަށް ބޮޑެތި އިންވެސްްޓް ތަކެއްކޮށްގެން އެވަނީ ފްލައިން ސްކޫލް ހިންގަމުންދާ ބޭފުޅުންނަށް ބިޒްނަސް ތަރައްގީކޮށްދެވިފަ. މިވަގުތުވެސް 230 ކުދިން ފްލައިން ސުކޫލްގަ ކިޔަވަމުން އެބަދޭ. އަޅުގަނޑު ދަންނަވާނީ އެއީ ވަަރަށް ބޮޑު އަދަދެކޭ، އެހެންވީމަ ފްލައިން ސްކޫލަށްދަނީ އޭގެ ސަބަބުން ފައިދާ ލިބެމުން،" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ފްލައިން ސްކޫލުން ގަމަށް ޢާމްދަނީ ލިބޭ ކަމަށެވެ. ނަމަވެސް އެ ޢާމްދަނީއަކީ ފްލައިން ސްކޫލެއް ގާއިމްކޮށް، އެތަން ކުރިއެރުވުމަށްޓަކައި ގަމުންކުރި މަސައްކަތާއި އަޅާ ބަލައިރު އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެއްބަސްވުން އާ ކުރާއިރު ދެފަރާތަށްވެސް ފައިދާވާނެ ފަދަ ގޮތަކަށް އެއްބަސްވުން ހަދާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ހަމަ ދެފަރާތައްވެސް ފައިދާވާ ގޮތުގެ މަތިން ފްލައިން ސްކޫލް އައްޑޫގަ ހުންނާނެ. ދެން ބައެއް ފަރާތްތަކުން އެބަ ދައްކާ އަޅުގަނޑުމެން ފްލައިން ސްކޫލް ބޭރުކޮށްލަން އުޅޭ ވާހަކަ. އެކަހަލަ އެއްވެސް ޚިޔާލެއް އަޅުގަނޑުމެންގެ ނެތް. އިރާދަކުރެއްވިއްޔާ "ވިން-ވިން" ސިޗުއޭޝަންގަ ދެފަރާތް ގުޅިގެން މަސައްކަތްކުރާގޮތައް އައްޑޫގަ ފްލައިން ސްކޫލެއް ހުންނާނެ. އަދި މިސާލަކަށް މިހާރުގެ ފްލައިން ސްކޫލްގެ މީހުން ދިޔަ ކަމުގައިވިޔަސް، އައްޑު އަތޮޅުގަ ފްލައިން ސްކޫލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމްކުރާނަން." ލަތީފް ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ ޒަޢާމަތުގައި އައްޑޫ ސިޓީއަށް ބޮޑެތި ތަރައްޤީތައް ގެންނަމުންދާއިރު ސަރުކާރުން އަންނަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީވެސް ފެންވަރު ރަނގަޅު އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ