ޑީއާރްޕީގެ ޒައީމްގެ ލަގަބް ދިނުމަށް ނިންމީ މަޝްވަރާ ނުކޮށް: މައުމޫން

ޑީއާރްޕީގެ ޒައީމް ލަގަބު މައުމޫނަށް ދިނުމަށް އެ ޕާޓީން ނިންމި ނިންމުމަކީ މަޝްވަރާކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫނު މިހެން ވިދާޅުވީ މެލޭޝިޔާގެ ވެރިކަން ކުރާ ޕާޓީގެ ޖެނެރަލް އެސެމްބްލީއާ، އިންޓަނޭޝަންލް ފޯރަމެއްގައި ބައިވެރިވުމަށް މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަފުޅުދައްކަވަމުންނެވެ.
މައުމޫނު ވިދާޅުވީ އެފަރާތްތަކުގެ ހިތުގައި އިހުލާސްތެރި ޝުއޫރުތަކެއް އެމަނިކުފާނާ މެދު އުފެދިގެން އެފަދަ ލަގަބެއް ދެއްވަން ނިންމަވާފައިވާނަމަ އެކަމަށްޓަކައި އެޕާޓީއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
މީގެ އިތުރުން މައުމޫނު ވިދާޅުވީ އެމަނިކުފާނަކީ ޕީޕީއެމްގެ މެންބަރުން ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން ފަސްއަހަރު ދުވަހުގެ މުއްދަތަކަށް ޕީޕީއެމްގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ބޭފުޅެއް ކަަމަށެވެ.
"އެހެންވީމަ އެމަގާމުގައި ހުރުމަކީ އަޅުގަނޑުގެ ވާޖިބެއް. ޕީޕީއެމް ދޫކޮށް ދާކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅާ ބެހޭގޮތުން ފާހަކަފުޅުދައްކަވަމުން މައުމޫނު ވިދާޅުވީ މެލޭޝިޔާގެ ވެރިކަން ކުރާ ޕާޓީގެ ޖެނަރަލް އެސެމްބްލީގައި ރާއްޖޭގެ ވެރިކަން ކުރާ ޕާޓީގެ ހައިސިއްޔަތުން ބައިވެރިވުމަށް ޕީޕީއެމަށް ފުރުސަތު ލިބުމަކީ ވަރަށް އުފާކުރައްވާ އަދި މިއީ ވަރަށް މުހިންމު ބައްދަލުވުމަކަށް ވެގެން ދާނެ ކަމަށެވެ.
ދެޕާޓީގެ ދެމެދުގައި ގުޅުން ބަދަހި ވެގެން ދިއުމުގެ އިތުރުން މެލޭޝިއާއާ ދިވެހިރާއްޖެއާ ދެމެދު އުފެދިފައިވާ ގުޅުން މިބައްދަލުވުމުގެ ސަބަބުން ވަރުގަދަވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް މައުމޫނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ