ލަފު ހުރި ކުއްޖާގެ ސާޖަރީއަށް މީދޫ ދާއިރާގެ މެމްބަރު އެހީ ވެދެއްވަނީ

ވިހޭއި އިރު މޫނު މަތީގައި އާދަޔާ ހިލާފު ލަފެއް ހުރި ކުއްޖާގެ ސާޖަރީއަށް ހިނގާ ހުރިހާ ހަރަދެއް ކުރައްވަން މީދޫ ދާއިރާގެ މެމްބަރު އަދި ސަން ޓްރެވަލްސްގެ ޗެއާމަން އަހުމަދު ޝިޔާމް މުހައްމަދު ނިންމަވައިފިއެވެ.
މިދިޔަ މިހުގެ 19ވަނަ ދުވަހު އުފަންވި އައިޝަތު ޝަނާޔާ ޝަރީފްގެ ބައްޕަ ސީއެންއެމްއަށް ބުނީ، އޭނާގެ ދަރިފުޅުގެ މޫނު މަތީގައި ހުރި ލައް ފިލުވުމަށް ކިތަންމެ ގިނަ ފައިސާތަކެއް ހަރަދު ކުރަން ޖެހުނު ކަމުގައި ވިޔަސް އެހަރަދު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ޝިޔާމް ވިދާޅުވި ކަމަށެވެ.
"ޝިޔާމް އަޅުގަނޑަށް ގުޅާފައި ވިދާޅުވީ އެސާޖަރީއަށް ކުރަން ޖެހޭ ހުރިހާ ހަރަދެއްގައި ހިފާނެކަމަށް. އެއީ މިލިއަނެއް ވިޔަސް، އަދި އެއަށްވުރެން ބޮޑު އަދަދެއް ކަމުގައި ވިޔަސް. މިހާރު ލިބިފައިވާ ފައިސާގެ އިތުރުން އޮޕަރޭޝަން ކުރުމަށްދާ އިތުރު ހަރަދު އެއްވެސް ބަދަލަކާ ނުލައި ދެއްވާނެ ކަމަށް ވިދާޅުވި،" ކުއްޖާގެ ބައްޕަ ޝަރީފް ބުންޏެވެ.
ޝަރީފް ވިދާޅުވީ އެހީ ދެއްވާނެކަމަށް ބުނަން ޝިޔާމް ގުޅީ އަމިއްލައަށް ކަމަށާއި ކުރިންވެސް ޝިޔާމް އަންނަނީ ދަރިފުޅަށް އެހީވެދެމުންކަމަށެވެ.
"ޝިޔާމް އަމިއްލަ އަށް އަޅުގަނޑަށް ގުޅީ. ގުޅާފައި ވިދާޅުވީ އާދެބަލާށޭ. ދިޔައިމަ ވިދާޅުވީ އޮޕަރޭޝަނަށް ދާނެ ހުރިހާ ހަރަދަކަށް ފައިސާ ދެއްވާނެކަމަށް. ކުރިންވެސް ޝިޔާމް އައީ އެހީ ވެދެއްވަމުން،" ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން ޝަރީފް ބުނީ ދަރިފުޅުގެ މެޑީކަލް ޗެކަޕް ހަދަން އިންޑިއާގެ ޗެންނާއީއަށް ދާން ޓިކެޓު ނަގާފައިވާކަމަށާއި މާދަމާ ފުރަން ތައްޔާރުވެފައިވާކަމަށެވެ.
ޝިޔާމް ވަނީ ކުޑަކުއްޖާގެ މެޑިކަލް ޗެކަޕް ހެދުމަށް އިންޑިއާ އަށް ކުރާ ދަތުރުގައި ހިނގާ ހުރިހާ ހަރަދަކަށް ވެސް އެހީ ދެއްވަން ނިންމަވާފަ އެވެ. އެގޮތުން އިންޑިއާ ހޮސްޕިޓަލްތަކަށް ކުޑަކުއްޖާ ދައްކަން ދާ ހަރަދާއި ދަތުރުގެ ދެކޮޅު ޓިކެޓާއި އެކަމޮޑޭޝަން ފަދަ ހުރިހާ ކަމަކަށް ހަރަދުވާ ލައްކައެއްހާ ރުފިޔާ ސިޔާމް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ޝަރީފް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ