ދިވެހިރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި މިވަގުތު ހުންނެވި އޮނަރަބަލް އަޙުމަދު އަދީބަކީ އެއްބައެއްގެ ނަޒަރުގައި މުޖުރިމެކެވެ. ކޮރަޕްޓް މީހެކެވެ. އަނެއްބަޔެއްގެ ނަޒަރުގައި ޒުވާނުންގެ ހީރޯއެވެ. މިދީބުގެ އަދީބެވެ. ސަރުކާރުގެ "ބޮޑު ވަޒީރެ"ވެ. އުފެދޭ ސުވާލަކީ، އޮނަރަބަލް އަޙުމަދު އަދީބަކީ ހަމަ ހަގީގަތުގައިވެސް އިދިކޮޅު ފަރާތްތަކުން ސިފަކުރާފަދަ ބޭފުޅެއްތޯއެވެ؟
އޮނަރަބަލް އަޙުމަދު އަދީބު ރާއްޖޭގެ ސިޔާސީ އުދަރެހަށް ފާޅުވެގެންއައީ އިސްތިއުފާދެއްވި ރައީސް ނަޝީދުގެ ސަރުކާރުގައި، ޑޮލަރުގެ އަގު ބޮޑުކުރުމުން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައެވެ. ސިޔާސީ ގޮތުން ނުހަނު ހަލަބޮލި އެދުވަސްވަރު، އަދީބު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ އެކި މީޑިއާތަކުގައި ވާހަކަފުޅު ދައްކަވާފައެވެ. އައި އިންޒާރަކަށް ބެއްލެވުމެއްނެތި އަދީބު ކުރައްވަމުންގެންދެވި މަސައްކަތްޕުޅުގެ ނަތީޖާއަކަށް ވެގެންދިޔައީ އާޚިރުގައި އެމަނިކުފާނުގެ ފިކުރަށް ކާމިޔާބު ލިބިގެން ދިޔުމެވެ.
އަދީބު ވަނީ ދިވެހި ރާއްޖެދުށް އެންމެ ޒުވާން އެއް މިނިސްޓަރުގެ ގޮތުގައި، އުމުރުފުޅުން އެންމެ 29 އަހަރުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވުޒާރާއާއި ހަވާލުވެވަޑައިގެންފައެވެ. އަދީބުގެ މަސައްކަތްޕުޅު އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ނުހަނު ބޮޑަށް އަޑިއަޅާލާފައި އޮތް ދަނޑިވަޅެއްގައި، ނުހަނު ކެރުމާއިއެކު ކުރިމަތިލަައްވައި، އެ ސިނާއަތް ކޮޅަށް ޖެއްސެވި ޖެއްސެވުމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ޕޯޑިއަމްތަކުގައި ގޮވާލަމުން ދަނިކޮށް، އަދީބުވަނީ އެފަރާތްތަކަަށް ގޮންޖައްސަވައި، މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރެއްވެވުމަށް ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރައްވާ ފަރާތްތަކާއިއެކު މަސައްކަތްޕުޅު ކުރައްވައި، އެކަން ކާމިޔާބުކުރައްވާފައެވެ. އެހެންކަމުން، ތާރީޚު ފޮތްފޮތުގައި އަދީބުގެ ނަންފުޅު ރަން އަކުރުން ފަވާލެވިގެންދަނީ، ފުރަތަމަ ފަހަރަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެންނެވުމުގެ މޭސްތިރީގެ ގޮތުގައެވެ.
މިނިސްޓަރު އަހުމަދު އަދީބު ފާހަގަވެގެންދަނީ ޒުވާނުންނާއިވެސް ނުހަނު ގުޅުން ރަނގަޅު ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނު ގެންދަވަނީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް، އަދި ދިވެހި ޒުވާނުންގެ މުނިފޫހިފިލުވުމަށް ނުހަނު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މިގޮތުން ދާދި ފަހުން ބޭއްވިގެން ދިޔަ ޓުއަރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯތަކަކީ އެމަނިކުފާނުގެ ލާމަސީލު މަސައްކަތްޕުޅެކެވެ. ސިޔާސީ ހުރިހާ ފިކުރެއްގެ ޒުވާނުން އެއްކުރައްވައި، ތަފާތުކުރެއްވުމެއްނެތި އެ ޒުވާނުންނާއި ނުހަނު ގާތުން އަދީބު މަސައްކަތްކުރެއްވި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. އަދީބަކީ އެއްވެސް ހުރަހެއްނެތި ޒުވާނުންނާއި ވަރަށް ރަޙުމަތްތެރިކޮށް މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްކަމަށް މިދެންނެވި ޒުވާނުންވެސް ފާހަގަކުރައްވައެވެ.
ސިޔާސީ ނަޒަރިއްޔާތަކުން ވިސްނާއިރު އަދީބު އަދާކުރައްވާ އެންމެ ބޮޑު ދައުރެއްކަމަށް އަޅުގަނޑަށް ފެންނަން އޮތީ ރައީސް ޔާމީންގެ ސަރުކާރަށް އަންނަ ހަމަލާތައް ދިފާއުކުރައްވާ އައްޑަނައެއްގެ ރޯލެވެ. އެމަނިކުފާނު ގެންދަވަނީ އެތެރެއިންނާއި ބޭރުން ރައީސް ޔާމީންގެ ސަރުކާރަށް އަންނަ ކޮންމެ ހަމަލާއަކުން ސަރުކާރު ދިފާއުކުރައްވަމުންކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ކަންކަމާއި ކެރިގެން ކުރިމަތިލައްވައި، އެ ކުރިމަތިލެއްވި ކަމެއް ކާމިޔާބުކުރުމުގެ އެންމެ ވަރުގަދަ މިސާލެއް ފެންނަމުންދަނީ އެމަނިކުފާނުގެ ކިބައިންކަމަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދުވަސްވީ ފަރާތްތަކުން ފާހަގަކުރައްވައެވެ. އެހެންވީމާ ސިޔާސީ ފަރާތްތަކުން އެމަނިކުފާނާއިމެދު ޖެހިލުންވާ ސަބަބުވެސް ވަރަށް ރަނގަޅަށް ސާފުވެއެވެ.
ހަމަ ކަށަވަރުންވެސް އަޅުގަނޑަށް ޔަޤީނާއި ގާތަށް ބުނަން ކެރޭ އެއް ވާހަކައެއް އެބައޮތެވެ. މިނިސްޓަރު އަދީބަކީ 21 ވަނަ ޤަރުނުގައި ދިވެހިރާއްޖެ ދުށް އެންމެ ވަރުގަދަ ޒުވާން ޝަޚުސިއްޔަތެވެ. އެމަނިކުފާނުގެ މަސައްކަތްޕުޅުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އެތައް ރޮނގަކުން ކުރިއެރުމަށް މަގުފަހިވެގެން ހިނގައްޖެއެވެ. ފާޑުކިޔުންތެރިންގެ ފާޑަކަށް މާބޮޑު ބެލުމެއްނެތި ކުރިއަށް ވަޑައިގެން އެމަނިކުފާނު މިއަދު އެހުންނެވީ ރާއްޖޭގެ ސިޔާސީ އުދަރެހުގެ އެންމެ އުހުގައެވެ. އަރައިގެންއައި އަލިގަދަ ތަރިއެއް ހެނެވެ. ފަނޑުނުވާނެ އައްޔެއް ފަދައިންނެވެ. ޒުވާނުންގެ ހީރޯއެއްގެ ގޮތުގައެވެ. ޝައްކެތްނެތެވެ. އެމަނިކުފާނަކީ މިދީބުގެ އަދީބުކަން ވަރަށް ފުރިހަމައަށް ސާބިތުކޮށްދެއްވައިފިއެވެ.
މިދީބުގެ އަދީބު: އަހުމަދު އަދީބު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ