ކަރަންޓް ހަރަދު ކުޑަ ކުރުމުގެ ކެމްޕޭނުގައި ހަތަރު ރަށަކުން ބައިވެރިވެއްޖެ

ކަރަންޓް ހަރަދު ކުޑަކުރުމުގެ މަގުސަދުގައި އެންވަޔަރަންމަންޓް މިނިސްޓްރީ ްއިން ފަށާފައިވާ ކެމްޕޭނުގައި އިތުރު ހަތަރު ރަށަކުން ބައިވެރިވެއްޖެ އެވެ.
"އިޓްސް ކޫލް އެޓް 25" ގެ ނަމުގައި ކުރިއަށްދާ އެ ކެމްޕޭނުގައި މުޅި ރަށުގެ ރައްޔިތުން ޝާމިލްވާ ގޮތަށް އަލަށް ބައިވެރިވެފައި ވަނީ ށ. ކަނޑިތީމާއި ހއ. ތުރާކުނާއި ރ. މީދޫއާއި ރ. މަޑުއްވަރީ ކައުންސިލުންނެވެ. އެ ކެމްޕޭނަކީ އެއާކޯނުގެ ފިނިހޫނުމިން 25 ގައި ބަހައްޓައިގެން އުޅުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕޭނެކެވެ.
އެ ޕްރޮގްރާމާ ގުޅޭ ގޮތުން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ އެއާކޯނެއް ބޭނުން ކުރާއިރު އޭގެ ޓެމްޕަރޭޗާ ނުވަތަ ފިނިހޫނުމިން 25ގައި ބެހެއްޓި ނަމަވެސް ހަމަޖެހިލައިގެން ނިދާލެވޭ ވަރަށް ފިނިވާ ކަމަށެވެ. އެހެންކަމުން އެ އަދަދު 16 ގައި ބެހެއްޓުމުގެ ބަދަލުގައި އަދަދު މަތިކޮށްލެވޭ ކޮންމެ ފަހަރަކު ކަރަންޓު ބިލުން ހަތް ޕަސެންޓު މަދުވާނެ ކަމަށް ތޯރިގް ވިދާޅުވި އެވެ.
ކަރަންޓް ހޯދުމަށް އަޅުގަނޑުމެންގެ ތެރޭގައި ބޭނުން ކުރަނީ ތެޔޮ އަޅައިގެން ބޭނުންކުރާ ޖަނަރޭޓަރުތައް ކަމަށާއި ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 30 ޕަސެންޓް ޚަރަދުވަނީ ތެޔޮ އެތެރެކުރުމަށް ކަމަށެވެ. އެހެންކަމުން ތަރައްގީ އަދި މުއްސަނދި ގައުމަކަށް ހެދުމަށް ތެޔޮ ޙަރާދުކުރާ މިންވަރު ކުޑަކުރަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ދުވާލެއްގެ މައްޗަށް ބޭނުންކުރާ އެނާޖީ ނުވަތަ ކަރަންޓުގެ ޙަރަދު ކުޑަކޮށްގެން ކަމަށް ތޯރިގް ވިދާޅުވި އެވެ.
ކެމްޕޭނު އިފްތިތާހު ކުރުމަށް މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ކަރަންޓް ބޭނުން ކުރުމަށް ތެޔޮ ހަރަދުކުރާ މިންވަރަށް ބަލާ އިރު ކޮންމެ މަހަކަށް 300 އާއި 500 މިލިއަންއާ ދެމެދުގެ ޑޮލަރު ޙަރަދުވާ ކަމަށެވެ. އެހެންކަމުން ކަރަންޓް ޙަރަދުން އެއް ޕަސެންޓް ސޭވް ކުރެވުނަސް އެއީ "އަހަރަކަށް ބަލާ ނަމަ 75 އާއިލާގެ ގެދޮރު" ކަމަށް އާޒިމް ވިދާޅުވި އެވެ.
އެއާކޯނުގެ ފިނިހޫނުމިން 25 ގައި ބަހައްޓައިގެން ބޭނުން ކުރުމަށް މީހުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ އެ ކެމްޕޭނުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ