ކުރިޔަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި

ކުރިޔަށް އޮތް ސައުވީސް ގަޑިއިރު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިޔަށް އޮތް ސައުވީސް ގަޑި އިރު ވެސް ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވޭ ކަމަށާއި، ވަކިން ޚާއްޞަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް ކަނޑުމަގުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލު ކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މިއަދު މެންދުރު އެއްގަޑި ފަހެއްގައި ނެރުނު ވައިޓް އެލާޓް މިއަދު އިރު އޮއްސުމާއި ހަމައަށް ދެމިގެން ދާނެ ކަމަށާއި، އޭގެ ފަހުން މޫސުމަށް ބެލުމަށް ފަހު މޫސުމުގެ ޙާލަތާއި ގުޅޭ އެލާޓް ނެރޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވެ، ވައިބާރުވެ، ކަނޑުގަދަވެފައި ވާތީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކަކުން ވެސް ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ