3 މަހެއްހައި ދުވަސް ފަހުން ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ތިން މަހެއްހައި ދުވަސް ފަހުން މިއަދު ސުޕްރީމް ކޯޓުގައި ފަށައިފިއެވެ. ގާނޫނުއަސާސީއަށް މަޖިލީހުން އިސްލާހު ގެނައީ މިދިޔަ ނޮވެންބަރު 20 ވަނަ ދުވަހެވެ. އޭގެ ހަތަރު ދުވަސް ފަހުން 24 ވަނަ ދުވަހު އެ މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. ގާނޫނުއަސާސީއަށް ގެނައި މައިގަނޑު އިސްލާހަކީ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުމެވެ. އެ އިސްލާހާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ އިސްްލާހު ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. https://www.sun.mv/201688 ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ ތިން މަހެއްހައި ދުވަސް ފަހުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 11:00 ގައި ސުޕްރީމް ކޯޓުގައި ވަނީ ފަށާފައެވެ. އެ ކޯޓުގައި މައްސަލަ ބައްލަވަނީ މުޅި ބެންޗުންނެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަސިމް ޢަދުނާނެވެ. ދެން ބެންޗުގައި ތިއްބަވާނީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔަރު ޙުސްނުއްސުއްސުޢޫދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. މައްސަލަ ލަސްވާތީ، އަލީ ހުސައިން މީގެ ކުރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. ކޯޓު ރިސެސްއިން އައިއިރު ގިނަ މައްސަލަތަކެއް ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި އެކަމަކު، މި މައްސަލައަކީ އަވަހަށް ބަލައި ނިންމަންޖެހޭ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ސުޕްރީމް ކޯޓު: އެ ކޯޓުގައި ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ވަނީ ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ: ފާހަގަކޮށްލެވޭ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ ފަސް މާއްދާއަކާ ހިލާފު ކަމަށް ފާހަގަކޮށްފައިވެއެވެ. އެއީ؛ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއެވެ. ހަތަރުވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އަށްވަނަ މާއްދާގައި ބުނަނީ، ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެމަތީން ކަމަށެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނަނީ: މި ޤާނޫނުއަސާސީ ގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހައި ހިނދަކު ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ. (ހ) އިންތިޚާބުތަކުގައްޔާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުތަކުގައި ވޯޓުދިނުމުގެ ޙައްޤު. މި ފަދަ ވޯޓުތަކަކީ ސިއްރު ވޯޓުތަކަކަށް ވާންވާނެއެވެ. (ށ) އިންތިޚާބުތަކުގައި އެކިއެކި މަޤާމުތަކަށް ކުރިމަތިލުމުގެ ޙައްޤު. (ނ) އެ މީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިޚުތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ޙައްޤު. އެ އަސާސީގެ 75 ވަނަ މާއްދާގައި ބުނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ. އަދި، އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް ކުރިއެރުވުމަށް މަޤާމުގެ ބޭނުންކޮށްގެނެއް ނުވާނެ ކަމަށާއި އެބައިމީހުން، އެބައިމީހުން އިންތިޚާބުވީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެ ކަމަށެވެ. ނުވަދިހަވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ޖަލްސާއެއްގައި، ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި ޢަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެ މީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާމެދު އެއްވެސް ތަޙުޤީޤެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެ މީހަކާ މެދު ދަޢުވާއެއްކޮށް ހަދައިގެނެއް ނުވާނެ ކަމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލަވުންތަކާ ބެހޭ ވާހަކަތައް ތެދުބަހުން ކަންހިނގި ގޮތުގެ ހަޤީޤަތް ނުގެއްލޭގޮތަށް ޝާއިޢުކުރާ ނުވަތަ ހާމަކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާ މެދު އަދި އެފަދަ ވާހަކައެއް ޝާއިޢުކުރި ނޫސް މަޖައްލާއަކާ މެދު އެއްވެސް ދަޢުވާއެއްކޮށް އަދި ފިޔަވަޅެއް އަޅައިގެނެއް ނުވާނެ ކަމަށެވެ. https://www.sun.mv/199612 އެ މައްސަލަ ހުށަހަޅަން ޖެހުނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ އެކު މެންބަރުން އިންތިޚާބުވި ޕާޓީން، އެ މެންބަރަކު ވަކިކޮށްފި ނަމަވެސް ގޮނޑި ގެއްލޭނެތީއެވެ. އެހެންވެ، މެންބަރުންގެ މިނިވަންކަމަށް އަސަރުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް މީގެ ކުރިން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ގޮވާލައްވައިފައެވެ. ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ގާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީން އަންނަނީ އެ އިސްލާހު ދިފާއުކުރަމުންނެވެ. އެ ގޮތުން، މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކުގެ ކޮމިޓީތަކަށް ނުދޭނެ ކަމަށާއި ޕާޓީތަކުން މެންބަރުން ވަކިކުރެވޭނެ ގޮތުގެ ގާނޫނެއް އެކުލަވައިލާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ