މިލާން (ފެބްރުއަރީ 23) - ލައުޓާރޯ މާޓީނޭޒް ޖެހި ގޯލުން 1-0 އިން ޖެނޯއާ ބަލިކޮށް އިޓާލިއަން ލީގުގެ އެއް ވަނަ މަގާމަށް އިންޓަ މިލާން ޖެހިލައިފި އެވެ.
އިންޓަ ވަނީ ދެ ވަނައިގައި އޮތް ނަޕޯލީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. އިންޓަ އަށް 26 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ނަޕޯލީ އަށް 25 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. މިއަދު، ކޯމޯއާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރެގެން ނަޕޯލީ އަށް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ޖެނޯއާ ދަނޑުގައި ނަތީޖާ ނެރެން ނުކުތް އިންޓަ އަށް ފުރަތަަމަ ހާފުގައި ލަނޑެއް ޖެހޭގޮތެއްނުވި އެވެ. މެޗުގެ ބޮޑުބައި ޖެނޯއާ އިން އިންޓަ ހިފެހެއްޓުމުގައި ކާމިޔާބު ހޯދި އެވެ. އެކަމަކު، މެޗުގެ 78 ވަނަ މިނިޓްގައި ލައުޓާރޯ މާޓީނޭޒް ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ލަނޑު ޖަހައިފަ އެވެ. މިއީ، ކޯނަރެއްގައި ހުރަސްވި ބޯޅައަކަށް އަރައި މާޓީނޭޒް ބޮލުން ޖައްސާލި ބޯޅައެއް ޖެނޯއާ ކުޅުންތެރިއަކު ގައިގައި ވަން ގޯލެކެވެ.
މި މެޗުގައި އިންޓަ އިން ޖެހި ގިނަ ހަމަލާތަކެއް ޖެނޯއާ ކީޕަރު ނިކޯލަ ލެއާލީ ވަނީ މަތަކޮށްފަ އެވެ. އޭގެ ތެރޭގައި، މާޓީނޭޒް އާއި މަހުދީ ތަރޭމީ ހުސްކޮށް އަރައި ޖެހި ދެ ޝޮޓެއް ވެސް ހިމެނެ އެވެ.
ލީގުގައި ރޭ މިލާން ކުޅުނު މެޗުން ވަނީ ޓޮރިނޯ އަތުން 2-1 އިން ބަލިވެފަ އެވެ.
މިލާންގެ މަލިކް ތިއޯ އަތުން ބައިކޮޅަށް ވަން ގޯލުން ޓޮރިނޯ އިން ލީޑުނެގިއިރު، މިލާނަށް އެއްވަރުކޮށްދޭން ލިބުނު ޕެނަލްޓީ ކްރިސްޓިއަން ޕުލިސިޗަށް ކާމިޔާބު ނުކުރެވުނެވެ. އެކަމަކު، މިލާނުގެ ޓިޖާނީ ރައިންޑާސް ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްދީފަ އެވެ. މެޗު ނިމެން، 14 މިނިޓަށް ވެފައި ވަނިކޮށް ޓޮރިނޯ މޮޅުވި ގޯލު ޖެހީ، ގްވީޑާސް ޖެނެއިޓިސް އެވެ.
މި މެޗުގެ ނަތީޖާ އަށް ފަހު ލީގު ތާވަލުގައި މިލާން އޮތީ 25 މެޗުން 41 ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މާޓީނޭޒްގެ ގޯލުން މޮޅުވެ އިންޓަ އެއް ވަނަ އަށް މާޓީނޭޒްގެ ގޯލުން މޮޅުވެ އިންޓަ އެއް ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ