އިންޑިއާގެ އެހީގައި ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓު އަޅަނީ

އިންޑިއާ އިން ދޭ ލުއި ލޯނެއްގެ އެހީގައި ގުޅިފަޅުގައި 4،000 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ބޯހިޔާވަހިކަމުގެ ދާއިރާ އިން ކުރިއަށް އޮތް އަހަރަށް ރާވާފައިވާ ކަންތައްތައް ހިއްސާކުރައްވައިފަ އެވެ.
ތަފްސީލް - ގުޅިފަޅު މަޝްރޫއާ ގުޅޭ ގޮތުން ރައީސް ރިޔާސީ ބަޔާނުގައި ވިދާޅުވީ އެ ތަނަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ތަނެއް ކަމަށާއި ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާ އާއި ކޮންޓްރެކްޓަރަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރައީސް ވިދާޅުވީ ގުޅިފަޅާާއި ގިރާވަރުފަޅު އަދި ހުޅުމާލެ ފަޅުތެރެއިން ހިއްކާ ބިމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެ ގޯތީގެ ރަޖިސްޓްރީ، ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމަށެވެ.
"ހަމަ އެއާ އެކު، އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ގުޅީފަޅުގައި 4،000 ސޯޝަލް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއެއް މިއަހަރު ފެށުމަށް ދަނީ މަސައްކަތްތައް ކުރެވެމުން،" ރައީސް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް
ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތުގައި ތަފާތު ދަތިތައް ކުރިމަތިވި ނަމަވެސް ސަރުކާރުގެ އަމާޒަކީ މިއަހަރު ބިން ހިއްކުން ނިންމައި އަންނަ އަހަރު އެ ތަނުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ
މަސައްކަތް ފެށުން ކަމަށެވެ.
މީގެ އިތުރުން، ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު
ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަދި މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ވެސް މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫއުތައް
ފެށިގެންދާނެ،" ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް މިއަދު ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ - އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލެ ފޭސ ދޭއްގައި ވެސް 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތްތައް އަންނަ ސެޕްޓެމްބަރަށް ނިންމައި ފްލެޓު ލިބޭ މީހުންނާ ހަވާލު ކުރެވޭނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ