ކެނެޑާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރިކަން ވަގުތީ ބޮޑުވަޒީރު ކާނީ އިއުލާން ކުރައްވައިފި
އޮޓަވާ (29 އެޕްރީލް 2025) : ކެނެޑާގައި ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކުރިކަން އެ ގައުމުގައި މިހާރު ވެސް ވެރިކަންކުރާ ލިބަރަލް ޕާޓީ ވެރިޔާ އަދި ވަގުތީ ބޮޑުވަޒީރު މާކް ކާނީ އިއުލާން ކުރައްވައިފިއެވެ. ކެނެޑާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަން ބުނާގޮތުން އިއްޔެ ބޭއްވި ޢާންމު އިންތިޚާބުގައި އެ ގައުމުގެ ހައުސް އޮފް ކޮމަންސް އަޣްލަބިއްޔަތު ގޮނޑި އެއްވެސް ޕާޓީއަކަށް ލިބިފައެއް ނުވެއެވެ. އެންމެ ގިނަ ގޮނޑި ހޯދީ ވެރިކަންކުރާ ލިބަރަލް ޕާޓީންނެވެ. އެއީ 164 ގޮނޑި އެވެ. އިދިކޮޅު ކޮންޒަވެޓިވް ޕާޓީއަށް ލިބިފައި 147 ގޮނޑިއެވެ. ހައުސް އޮފް ކޮމަންސް އަޣްލަބިއްޔަތު ލިބޭނީ 172 ގޮނޑި ހޯދައިގެންނެވެ. މި އަދަދަށް ގޮނޑި ހޯދުމަށްޓަކައި ލިބަރަލް ޕާޓީއަށް ޖެހޭނީ ކުޑަ ޕާޓީއަކާއެކު ކޯލިޝަން ހަދާށެވެ. ލެބެރަލް ޕާޓީގެ ފަރާތުން ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާފައިވަނީ މާކް ކާނީ އެވެ. އިންތިޚާބުގައި ބަލިވެވަޑައިގެންނެވި ކޮންޒަވެޓިވް ޕާޓީގެ ކެނޑިޑޭޓު، ޕިއެކް ޕޮއިވިޔޭވް ވަނީ ބަލިގަބޫލު ކުރައްވައި ކާނީއަށް މަރުހަބާ ވިދާޅުވެފައެވެ. އުމުރުން 60 އަހަރުގެ ކާނީ ގެންދަވަނީ މިދިޔަ މާޗް މަހުން ފެށިގެން ކެނެޑާގެ ބޮޑުވަޒީރުކަން ކުރައްވަމުންނެވެ. އެއީ ލެބެރަލް ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަމުގައި ހުންނެވި ޖަސްޓިން ޓްރޫޑޯ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކާނީ އަކީ އިގްތިސާދީ ތަޖުރިބާ ކާރެކެވެ. ކެނެޑާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. މިއީ ކެނެޑާއަށް ވަރަށް ޙައްސާސް ދަނޑިވަޅެކެވެ. އެއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ފަރާތުން ކެނެޑާއަށް ކުރިމަތިކުރާ ފިއްތުންތަކާއި ބުލީކުރުން ތަކާ ގުޅިގެންނެވެ. ޓްރަމްޕް ގެންދަވަނީ ކެނެޑާއަކީ އެމެރިކާގެ ސްޓޭޓަކަށް ހައްދަވާނެކަމަށް ވިދާޅުވެ ބިރުދައްކަވައި އެކަން ހާސިލް ކުުރުމަށް ކެނެޑާއަށް ޕްރެޝަރު ވެސް ކުރިމަތި ކުރައްވަމުންނެވެ. އެމެރިކާއަށް އެކްސްޕޯޓްކުރާ ކެނެޑާގެ މުދަލުން ޑިއުޓީ ނަގަން ޓްރަމްޕް ނިންމެވި ނިންމުމަކީ ވެސް އޭނާ ކެނެޑާއަށް ކުރިމަތި ކުރައްވާ ޕްރެޝަރުގެ ބައެކެވެ. ކާނީ ދެކެވަޑައިގަންނަވާ ގޮތުގައި، މި ހައްސާސް ދަނޑިވަޅުގައި ޓްރަމްޕްގެ ފިއްތުންތަކާ ކުރިމަތިލައި، ކެނެޑާއަށް ފައިދާ ކުރަނިވި ނިންމުންތަކެއް ނިންމޭނީ އޭނާގެ ސިޔާސަތުތައް ތަންފީޒު ކޮށްގެންނެވެ. ކާނީގެ ސިޔާސަތު ބިނާކޮށްފައިވަނީ ކެނެޑާގެ އިގްތިސާދު ކުރިއެރުވުމަށް ޓަކައި އެތަކެއް ބިލިޔަން ޑޮލަރެއް އިންވެސްޓްކުރުމާއި އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މައްޗަށެވެ. އަދި އެމެރިކާ ނޫން ގައުމުތަކުން ބާޒާރު ހޯދުމުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ