ސިޓީ ފަހަތުން އަރާ ޕެލަސް ބަލިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައި ވަނީ ފަހަތުން އަރާ ފަސް ލަނޑު ދެ ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ 25 މިނެޓެއްހާއިރު ޕެލަސްއިން މޮޅު ކުޅުމެއް ދައްކާ ސިޓީ ހާސް ކަމުގެ ތެރޭގައި ބެހެއްޓިއިރު އޭގެ ފަހުން ސިޓީން ވަނީ މިސީޒަންގައި މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުން ދައްކާފައެވެ. ޕެލަސްއިން ވަރަށް ފޯރިއާއެކު ފެށި މިމެޗުގައި އެޓީމުންވަނީ މެޗުގެ އަށްވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިދީފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެބެރެޗީ އެޒޭއެވެ. މިލަނޑާއެކު ސިޓީން އެޓީމުގެ ކުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ދެންވެސް ފެނިގެންދިޔައީ ޕެލަސް އިން ނުރައްކާތެރި ހަމަލާ އުފައްދަމުންދިޔަތަނެވެ. ނަތީޖާ އަކަށްވީ މެޗުގެ 21ވަަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޕެލަސް ލީޑު ފުޅާކުރުމެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސް ރިޗަޑްސްއެވެ. މީގެއިތުރުން އެޒޭ ޕެލަސްއަށް ތިންވަނަ ލަނޑެއް ކާމިޔާބު ކޮށްދިން ނަމަވެސް އޭނާ އޮފް ސައިޑް ވުމުގެ ސަބަބުން އެލަނޑު ބަލައިގެންފައެއް ނުވެއެވެ. މިމެޗުގައި ޕްރިމިއާ ލީގުންވަނީ ސެމީ އޮޓޮމޭޓެޑް އޮފް ސައިޑް ޓެކްނޮލޮޖީ ބޭނުން ކޮށްފައެވެ. މިމެޗުގެ އޮވެވަރު ސިޓީ ކޮޅަށް އެނބުރިގެންދިޔައީ މެޗުގެ 33ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމާއެކުއެވެ. މިޖެހުން ގޯލަށް ވައްދައި ސިޓީގެ ކެޕްޓަން ކެވިން ޑި ބްރުއިނާ ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު ވެގެންދިޔައީ ސިޓީއަށް އިތުރު ހިތްވަރެއް ލިބުނު ލަނޑަކަށެވެ. ނަތީޖާ އަކަށް ވެގެންދިޔައީ ސިޓީއިން ހަމަލާއަކަށް ފަހު ހަމަލާއެއް އުފައްދަމުންދިޔުމެވެ. އަދި ފުރަތަމަ ލަނޑު ޖެހިތާ ތިން މިނެޓް ފަހުން އުފެއްދި ހަމަލާއެއްގައި އޮމަރު މަރްމޫޝް ވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި މެޓިއޯ ކޮވަސިޗް ކާމިޔާބު ކޮށްދިން ލަނޑުން ސިޓީ ވަނީ މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފައެވެ. މިމެޗުގައި ސިޓީން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑު އެޓީމުގެ ކީޕާ އެޑަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ ހޭމްސް މެކަޓީއެވެ. މިއީ މިސީޒަންގައި އެޑަސަންގެ ހަތަރުވަނަ އެސިސްޓްއެވެ. ސިޓީން މިމެޗުގައި ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ 79ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ނީކޯ އޯރައިލިއެވެ. މިމެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ސިޓީއަށް ލިބިގެންދިޔައެވެ. އަދި ޕެލަސްއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މިކާމިޔާބީ އާއެކު ސިޓީ މިހާރު އުޅެނީ ކުޅުނު 32 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ޕެލަސް އުޅެނީ 43 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. މިމުބާރާތުގައި ތާވަލްގެ ތިންވަނައިގައި އުޅޭ ނޮޓިންހަމް ފޮރެސްޓް އާއި އެވަޓަން ބައްދަލުކުރި މެޗު ރަށުން ބޭރުގައި އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އެވަޓަން އިންނެވެ. އެވަޓަން އިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގެ ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުއްލާޔޭ ޑޮކޫރޭއެވެ. މިއީ ފޮރެސްޓް ޖެހިޖެހިގެން ލީގުގައި ބަލިވި ދެވަނަ މެޗެވެ. މިކާމިޔާބީ އާއެކު އެވަޓަން މިހާުރު އުޅނީ 38 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ. އަދި ފޮރެސްޓް ތިން ވަނައިގައި އުޅެނީ 57 ޕޮއިންޓާއެކުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ