60 އަހަރުވުމުން ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވޭގޮތަށް ވަކި ލައިސަންސެއް ނަގަންޖެހޭގޮތް ހަދައިިފި
އުމުރުން 60 އަހަރުވުމުން ޚާއްސަ ލައިސަންސެއް ނަގަންޖެހޭ ގޮތް ހަދައި، ކާރުފަދަ ހަތަރުފުރޮޅުލީ އުޅަނދު ނުދުއްވޭހެން އެއްގަމު އުޅަނދުފަހަރުގެ ލައިސަަންސް ދޫކުރުމާ ބެހޭ ގަވައިދަށް ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އިސްލާހު ގެނެސްފިއެވެ. އެ މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިސްލާހުގައިވަނީ މި މާއްދާގައި ވަނީ ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ލައިސަންސެއް 60 އަހަރުވުމުން ދޫކުރެވިދާނެ ކަމަށެވެ. އެ ލައިސަންސް ދޫކުރާނީ އެކަމަށް ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ. އަދި މި ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދު ދުއްވުމަށް ކަމަށް ވެސް އިސްލާހުގައިވެއެވެ. އަދި ދުއްވޭނީ ހަމައެކަނި މި ލައިސަންސް ދޫކުރި އިދާރާ ހުންނަ ރަށެއްގައި އެކަންޏެވެ. މީގެ އިތުރުން ގަޑިއަކު 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ވެސް އެ ލައިސަންސް އޮތްނަމަވެސް ދުއްވުން މަނާވާނެއެވެ. އެހެންކަމުން އެ ލައިންސުން، ރާއްޖޭގެ އެއްވެސް ބްރިޖެއް، ނުވަތަ ހައިވޭއެއްގައި ނުދުއްވޭނެއެވެ. ދޮށީ އުމުރުގެ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވާ މީހާ އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ޚިލާފުވެއްޖެ ނަމަ، އެ މީހަކަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކުރުމުގެ އިޚުތިޔާރު، މިނިސްޓްރީއަށް ނުވަތަ އެ ލައިސަންސް ދޫކުރި އިދާރާއަށް ލިބޭގޮތް ވެސް ވަނީ ހަދައިފައެވެ. މީގެ ކުރިން އޮތް ގަވައިދުގައި 60 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ލައިސަންސެއް ނަގަންޖެހޭ މާއްދާއެއް ނޯވެއެވެ. މިފަދަ ގަވައިދެއް ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވައިލައިފައިވާއިރު، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިސްރަށްވެހިންނަށް ޚާއްސަކޮށް އެކި ގަވައިދުތައް ހަދައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ