ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނީ އެމީހަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅަކު ކަމުގައި ވުމަށެވެ. އެހެނީ ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންކަމަށްވާތީއެވެ.
ދުނިޔޭގައި ހުއްޓައިވެސް އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެންފިނަމަ އުޑުގައި ކަންކަން ހިނގާ ގޮތް އެނގޭހެއްޔެވެ؟
އަބޫ ޙުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނާގައިވެއެވެ.
" ﷲ ސުބުޙާނަހޫ ވަޠަޢާލާ އަޅެއްދެކެ ލޯބިވެވޮޑިގެންފިނަމަ، ޖިބްރީލް ޢަލައިހިއްސަލާމްގެ އަރިހުގައި ވަޙީކުރައްވާނެތެވެ. ' ތިމަންރަސްކަލާނގެ މިވެނި މީހެއްދެކެ ލޯބިވެވޮޑިގެންވަމުއެވެ. އެހެންކަމުން ކަލޭގެފާނުވެސް އެމީހާދެކެ ލޯބިވެވޮޑިގަންނަވާށެވެ.' ދެން، ޖިބްރީލް ޢަލައިހިއްސަލާމް އެމީހާދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި އެއަށްފަހު، ސުވަރުގޭގެ އަހުލުވެރިންގެ ( މަލާއިކަތްބޭކަލުންގެ ) އަރިހުގައި އެކަލޭގެފާނު އިޢުލާނު ކުރައްވަވާނެތެވެ.
" ﷲ ސުބްޙާނަހޫ ވަޠަޢާލާ މިވެނި މީހެއްދެކެ ލޯބިވެވޮޑިގެންވެއެވެ. އެހެންކަމުން ތިޔަބައިމީހުން އެމީހާދެކެ ލޯބިވާށެވެ. ' ދެން، ސުވަރުގޭގެ އަހުލުވެރިން އެމީހާދެކެ ލޯބިވާނެތެވެ. އަދި މީސްތަކުންވެސް އެމީހާދެކެ ލޯބިވުމަށް މަގުފަހިކުރައްވަވާނެތެވެ. " ( ބުޚާރީ އަދި މުސްލިމް )
އިޚްލާޞްތެރިކަމާއިއެކު ސުވަރުގެ ހޯދުމަށް، އަޅުގަނޑުމެން މުސްލިމުން، ﷲއަށް އަޅުކަންކުރަނީ، އެކަލާނގެއަށް ބިރުވެތިވެ، ލޯބިވާތީއެވެ. އަދި އެކަލާނގެ ދެއްވަވާނެ ޢަޛާބަށް ބިރުވެތިވެ، އަޅުގަނޑުމެންގެ ފާފަތައް ފުއްސެވުމަށާއި ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށެވެ. ﷲ ސުބުޙާނަހޫ ވަޠަޢާލާއީ އެކަލާނގެ އަޅުންދެކެ ގިނަގިނައިން ލޯބިވެވޮޑިގެންވާ ރަސްކަލާނގެއެވެ. އެހެންކަމުން، ﷲ ސުބްޙާނަހޫ ވަޠަޢާލާގެ ލޯބިލިބޭނެގޮތްތައް ހޯދާ ބެލުން ވަރަށްވެސް މުހިއްމެވެ. އެހެނީ، ﷲގެ ލޯބިވެވޮޑިގަތުން ތިބާއަށް ލިބިއްޖެނަމަ ކާމިޔާބާއި ފަލާހު ލިބި ތިބާއަށް ލިބޭ ރިޒުޤު އިތުރުވެގެންދާނެއެވެ.
ތިރީގައިމިވަނީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ބައެއް ޢަމަލުތަކެވެ.
1. ފާފަފުއްސެވުން އެދި ދުޢާކުރުން
" ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއްވެ. " ( 222 : 2 )
2. ނަފްސު ތާހިރުކުރުން " ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާމީހުންދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ. " ( 222 : 2 ) ޠާހިރުވުމުގެ ތެރޭގައި، ކުދި އަދި ބޮޑު ނަޖިސްގެ ގޮތުގައި ފާހަގަކުރައްވާފައިވާ ތަކެތިން ތާހިރުވެހުރުންހިމެނެއެވެ. އަދި އެކިއެކި ފާފަތަކުން ރައްކާތެރިކަން ލިބިގަތުންވެސް ޠާހިރުވުމުގެ މާނާގައި ބޭނުންކުރެއެވެ.
3. ގިނަގިނައިން ﷲ ހަނދުމަކުރުން
ގިނަގިނައިން ﷲ ހަނދުމަކުރުން ނުވަތަ ތަޤްވާވެރިވުމަކީ ނަރަކައިގެ އަލިފާނުން ރައްކާތެރިކަން ލިބިގަތުމުގެގޮތުން އެކަލާނގެ ޢަމުރުފުޅުތަކަށް ކިޔަމަންވެ ނަޙީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ.
" ހަމަކަށަވަރުން، ތަޤުވާވެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ." ( 4 ؛ 9 )
4. ހެޔޮ ޢަމަލުތައް ގިނަކޮށް އިހްސާންތެރިވުން
" އެއުރެންނަކީ ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި މުދާހޭދަކޮށް އުޅޭ މީހުންނެވެ. އަދި ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި މީސްތަކުންނަށް މާފުކުރާމީހުންނެވެ. އިހްސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. " ( 134 : 3 )
5. އެކަލާނގެއަށް އިތުބާރުކުރުން/ ވަކީލްކުރުން
" ހަމަކަށަވަރުން، ވަކީލުކުރާމީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. " ( 159 : 3 )
އެހެންކަމުން ތިބާކުރާކޮންމެކަމެއްގައިވެސް ﷲ އަށް ފުރިހަމައަށް އިތުބާރުކުރާށެވެ. އަދި އެކަމުގައި ތިބާ ކުރަންވީ މަސައްކަތްކުރުމަށްފަހު ކޮންމެކަމެއްވެސް އެކަލާނގެ މެދުވެރިކުރައްވާނީ އެންމެ ރަނގަޅަށްކަމަށް ޤަބޫލުކުރާށެވެ.
6. އިންސާފުވެރިވުން
" ހަމަކަށަވަރުން، ޢަދުލަށް ޙުކުމްކުރާމީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. " ( 42 : 5 )
އިސްލާމްދީނުގައި ޢަދުލުވެރިވުމުގައި މީހެއްގެ ކުލައާއި، އުމުރާއި، ޖިންސަށާއި އަދި އެމީހެއްގެ މަޤާމަށް ބެލުމެއްނޯވެއެވެ.
7. ކެތްތެރިވުން
" ކެތްތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ. " ( 146 : 3 )
ކެތްތެރިވުމުގެ 3 ބާވަތެއްވެއެވެ.
• ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ކެތްތެރިވުން
• ﷲގެ ޢަމުރުފުޅުތަކަށް ކިޔަމަންވުމުގައި ކެތްތެރިވުން
• ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމުގައި ކެތްތެރިވުން
އެހެންކަމުން މި 7 ސިފަތައް ތިބާގެ ގައިގައި ހަރުލައްވާ، ﷲ ޞުބުޙާނަހޫވަޠަޢާލާގެ ލޯބި ލިބިގަތުމަށްޓަކައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާށެވެ.
ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން އެދޭ މީހާގެ ކިބައިގައި ހުންނަން ޖެހޭނެ ބައެއް ސިފަތައް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ