އިތާފުށީގައި ފަތުރުވެރިން ދުއްވާލަން 180،000 ޑޮލަރުގެ ފެރާރީއެއް

ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި އޮންނަ ރާއްޖޭގެ އެންމެ އަގު ބޮޑު ޕްރައިވެޓް އައިލެންޑްގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ޓެސްޓަށް ދުއްވާލެވޭ ގޮތަށް 'ފެރާރީ ޓެސްޓާ ރޯސާ ޓީ'އެއް ގެނެސްފި އެވެ.
ތަފްސީލު - މިއީ 1950ގެ ފަހުކޮޅު '24 އަވާސް އޮފް ލަ މާން' އާއި ވޯލްޑް ސްޕޯޓްސް ކާ ޗެމްޕިއަންޝިޕްއަށް އަމާޒުކޮށް ފެރާރީއިން އުފެއްދި 'ފެރާރީ 250 ޓެސްޓާާ ރޯސާ' ނަމޫނާއަކަށް ބަލައިގެން، އެ ކުންފުންޏާ ގުޅިގެން ހެޑްލީ ސްޓޫޑިއޯސްއިން އުފައްދާފައިވާ އިލެކްޓްރިކް މޮޑެލްގެ ކާރެކެވެ.
މި ކާރުގެ ސައިޒު އަސްލު ކާރަށް ވުރެ ކުޑަ ނަމަވެސް، މިއީ އަސްލު ކާރުގެ %75 ނަކަލެކެވެ.
މުޅި ދުނިޔޭގައި ވެސް ފެރާރީ ޓެސްޓާ ރޯސާ ޖޭގެ އުފައްދާފައިވަނީ އެންމެ 299 ކާރެވެ. އޭގެ ތެރެއިން އެއް ކާރު މިހާރު އޮތީ އިތާފުށީގަ އެވެ.
ފެރާރީ ޓެސްޓާ ރޯސާ ޖޭގެ އަގަކީ ގާތްގަނޑަކަށް 180،000 ޑޮލަރު (2.78 މިލިއަން ރުފިޔާ) އެވެ.
އިތާފުށިން މި ކާރު ގެނައީ އެތަނަށް ޗުއްޓީ ހޭދަކުރަން އަންނަ މަހުޖަނުންނަށް ތަފާތު އަދި މަތީ ފަންތީގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ގޮތުންނެވެ.
އެގޮތުން ފެރާރީ ޓެސްޓާ ރޯސާ ޖޭ އިތާފުށީގައި ބާއްވާނީ އެއް އަހަރުގެ މުއްދަތަކަށެވެ.
އެ މުއްދަތުގައި އިތާފުށި ޕްރައިވެޓް އައިލެންޑުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް އެ ކާރު ޓެސްޓަށް ދުއްވާލުމުގެ އިތުރުން އޭގެ ކާރެއް ގަންނަން އޯޑަކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ