ޓެގު އެޅުވުމަށްފަހު އިތުރު ދެމީހަކު ބަންދުން ދޫކޮށްލައިފި

އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ޓެގު އަޅުވައި، އިތުރު ދެ މީހަކު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ޓެގު އެޅުވުމަށްފަހު ގައިދީން ބަންދުން ދޫކުރަން ފަށާފައިމިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ބޭނުމުގައެވެ. އެގޮތަށް ކްރިމިނަލް ކޯޓުން އަންނަނީ ބަންދުން ދޫކޮށްލާ މީހުންގެ ތަފުސީލު ހާމަކުރަމުންނެވެ.
އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ޓެގު އެޅުވުމަށްފަހު މިހާތަނަށް ޖުމުލަ ފަސް މީހަކު ވަނީ ދޫކޮށްލާފައެވެ. މިއެންމެންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ.  
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، ބަންދުން ލުއިދެވޭނީ ޓެގް އެޅުވުމަށްފަހު އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ބެލެވޭ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންނަށް އެކަނިކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުންނާއި މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންގެ އިތުރަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުންނަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުން ހަމަޖެހިފައިނުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިތުރަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ