އިންޑިއާ ކްރިކެޓް ޓީމުގެ ކާމިޔާބީ ފާހަގަކުރި އެއްވުމުގައި 11 މީހުން ފިތިގެން މަރުވެއްޖެ

އިންޑިއަން ޕްރިމިއާ ލީގުގައި އިންޑިއާ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބެންގަލޫރުގެ ކްރިކެޓް ސްޓޭޑިއަމެއްގެ ބޭރުގައި ބޭއްވި އެއްވުމުގައި 11 މީހަކު ފިތިގެން މަރުވެ، އެތައް ބަޔަކު ޒަޚަމުވެފައިވާ ކަމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށްދިޔަ އައިޕީއެލް ކްރިކެޓް ފައިނަލުގައި ޕަންޖާބް ކިންގްސް ބަލިކުރި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރުސީބީ)އަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ވަނީ ޗިންނާސްވާމީ ސްޓެޑިއަމްއަށް އެއްވެފައެވެ. ކަރްނާޓަކާ ސްޓޭޓްގެ ޗީފް މިނިސްޓަރު ސިދާރަމައިޔާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، އެ ސަރަހައްދަށް އެހާ ގިނަ އަދަދެއްގެ ބަޔަކު އެއްވާނެ ކަމަށް ކުރިން ލަފާކޮށްފައިނުވާ ކަމަށެވެ. ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި 200،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. އެ ހިތާމަވެރި ހާދިސާ ހިނގިއިރު ދަނޑުގެ ގޭޓްތައް ހުޅުވާފައި ވެސް ނުވާއިރު، ގޭޓު ކައިރީ ފިތިގެން އެތައް ބަޔަކު ތިބި ކަމަށް އޮފިޝަލަކު ބުންޏެވެ. އެ ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވީ، އެ ހާދިސާއަކީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކާ އެކު ހުންނެވި ކަމަށެވެ. އާރުސީބީގެ ޓީމު ބެންގަލޫރަށް ދަތުރުކުރީ ޚާއްސަ ފްލައިޓެއްގައެވެ. ޓީމަށް މަރުހަބާ ކިޔުއްވީ ކަރްނާޓަކާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ޑީކޭ ޝިވަކުމާރެވެ. އޭގެ ފަހުން ޓީމު ވަނީ ދަނޑަށް ގޮސްފައެވެ. ޓީމުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފްލާގައި އިންޑިއާގެ ކްރިކެޓް ލެޖެންޑް ވިރާޓް ކޯލީވެސް ވާހަކަދެއްކިއެވެ. މި ހާދިސާގެ ކުރިން ބެންގަލޫރުގެ އެކި ހިސާބުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އާރުސީބީގެ ޖާޒީ ލައިގެން ދަނޑާ ދިމާއަށް ދަތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ