ލާޖައްސާ އުސޫލުން ހަނި ގޯޅިތަކުން ގޯތި ދޫކުރާ މީހުންނަށް، ހިލޭ ގޯއްޗެއް ދިނުން މި އަހަރު ފަށަނީ

މާލޭގައި ހަނި ގޯޅިތަކުގައި ދަތިކޮށް ހުންނަ ގޯތިތައް ލާޖައްސާފައި ސަރުކާރަށް ދޫކުރާ މީހުންނަށް، މާލެ ސަރަހައްދުން ހިލޭ ގޯއްޗެއް ދިނުމުގެ މަޝްރޫއު މި އަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ވަނީ، މާލެއިން ލާޖައްސާފައި ދޫކުރާ ބިން ސަރުކާރަށް ނަގައި، އެ ބަޔަކަށް ގެދޮރު އެޅުމަށް ލޯނު ނަގަންށާއި އާ ގޯއްޗެއް ހޯދުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ދައުލަތުގެ މީޑިއާއިން މިއަދު ދެއްކި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، މާލޭގައި ހަނި ގޯޅިތަކުގައި އާއި ކަނަކަށް ވާ ގޮތަށް ހުންނަ ގޯތިތައް ވަރަށް ގިނަ ކަމަށެވެ. އެފަދަ ގޯތިތައް ހުންނަ ގޮތުން، ގެ ހަދަން ލޯނު ނުލިބުމުގެ މައްސަލަ ދިމާވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންވެ، އެ މައްސަލަ ހައްލުކުރުމަށް ޓަކައި، ލާޖައްސާފައި ގޯތި ދޫކުރުމުގެ ފުރުސަތަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެގޮތަށް ގޯތި ދޫކުރާ މީހުންނަށް އުތުރުތިލަފަޅާއި ގުޅިފަޅާއި ގިރާވަރާއި ރަސްމާލެއިން ގޯތި ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "އެހެންވީމަ މާލެ ސަރަހައްދުން، މުޅި ރަސްމާލެ ހިމެނޭހެން މުޅި މި ސަރަހައްދުން މި އިތުރުވާ ބިންތަކުން، ހުޅުމާލެ ވެސް ހިމެނޭހެން، އަޅުގަނޑުމެން މާލެއިން މި ގޮތަށް ގޯތި ދޫކޮށްލާފައި މި ގޮތަށް ނުހެދޭނެ ގޮތަށް ހުންނަ ހަނި މަގުތަކާއި މި ތަންތާ ހުންނަ ހަނި ގޯޅިތައް އެ ގޭގެ އެންމެން ވެގެން ދޫކޮށްލައިފައި އެހެން ތަނަކަށް ބަދަލުވާން ބޭނުންވާ މީހަކަށް އެ ފުރުސަތު ހުޅުވާލާނަން،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މާލެއިން ދޫކޮށްލާ ގޯތިތައް ދައުލަތަށް ނެގުމަށްފަހު، ފެހި މައިޒާންތަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ. "މި މަޝްރޫއު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަހަރު ތެރޭ ކުރިއަށް ގެންގޮސް، ގޯތި ލިބޭނެތަން ކަނޑައަޅައި، ރަސްމީ ލިޔުން ދޭނަން،" ރައީސް ވިދާޅުވިއެވެ. ރައީސް ނޮވެންބަރު 17، 2023ގައި ފެއްޓެވި ދައުރު ނިމޭއިރު، ގެދޮރުވެރިކަން ނުލިބޭ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ