ރާއްޖެއާއި ލަންކާއަށް އިގްތިޞާދީނަފާ ލިބޭނީ ގުޅިގެން މަސައްކަތްކޮށްގެން"

ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތާއެކު އިންޑިއާ ކަނޑުން ލިބޭ އިޤްތިސާދީ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްރީލަންކާ ސަރުކާރުން ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑިއާ ކަނޑަކީ ހަމައެކަނި ބޯޑަރެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ތާރީޚާއި ސަޤާފަތް ގުޅުވައިދޭ، އަދި އިޤްތިޞާދު ދަމަހައްޓައިދޭ މުހިންމު ފާލަމެއް ކަމަށެވެ.
"ކަނޑަކީ އަޅުގަނޑުމެން ވަކިކުރާ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެން ގުޅުވައިދޭ އެއްޗެއް. އަދި އެ އެއްބައިވަންތަކަމަކީ، އިންޑިއާ ކަނޑަކީ އެތަނަކަށް ނިސްބަތްވާ އެންމެންނަށް އަމާންކަމާއި، ހަމަޖެހުމާއި، ފުރުޞަތުތަކުގެ ކަނޑެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރު ކުރުމަށް އޮތް އަޅުގަނޑުމެންގެ އެންމެ ބޮޑު ބާރެއް. އަޅުގަނޑުމެން ދެ ޤައުމަކީވެސް ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރު ރަނގަޅަށް ދަންނަ ދެ ޤައުމު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން އިންޑިއާ ކަނޑަކީ އެތަނަކަށް ނިސްބަތްވާ އެންމެންނަށް އަމާންކަމާއި، ހަމަޖެހުމާއި، ފުރުޞަތުތަކެއް އޮތް ކަނޑެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރު ކުރުމަށް ދެ ޤައުމުގެ އެއްބައިވަންތަކަން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަން ހާސިލްކުރެވިއްޖެނަމަ އިންޑިއާ ކަނޑުން ލިބޭ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އެއް އާއިލާއެއް ފަދަ ގާތް އަވަށްޓެރި ދެ ޤައުމު ކަމަށެވެ. އަދި މި ގުޅުމަކީ ވަގުތީ ފައިދާ އަށްވުރެ ބޮޑަށް، ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ ޙަޤީޤީ އިޚްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސްރީލަަންކާގެ ކިބައިން އެހީތެރިކަމަށް އެދުނު ކޮންމެ ފަހަރަކުވެސް ރާއްޖެއަަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ތަރައްޤީގެ ގޮތުން ރާއްޖެއަށް މިއަދު މި ހިސާބަށް ވާސިލްވެވުނީ ލަންކާގެ އެހީތެރި ކަމާއެކުގައި ކަމަށާއި، އެކަމަށްޓަކައި ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެ ފަދަ ޖަޒީރާ ރަށްތަކެއްގެ އެކުލެވިފައިވާ ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި ލަންކާއަކީ ޤުދުރަތީ އަދި އިންސާނުންގެ ސަބަބުން ކުރިމަތިވާ ތޫފާންތަކުން އަރައިގަތުމުގެ ހުނަރު ލިބިފައިވާ ބައެއް ކަމަށް ވިދާޅުވިއެވެ.
ދެ ޤައުމުގެ މުސްތަޤުބަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި، ދެމެހެއްޓެނިވި ފަތުރުވެރި ކަމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ދެ ޤައުމުންވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ