ރައީސްގެ ދަތުރުފުޅާ ދިމާކޮށް ލަންކާގެ ފުލުހުން މެދުވެރިކޮށް ދިވެހިންތަކަކަށް ބިރު ދައްކައިފި: އެމްޑީޕީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅުވައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ބިރުދައްކައި، ސުވާލުކުރަމުންދާ ކަމަށް ތުހުމަތުކޮށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރައީސް ލަންކާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގަތީ އިއްޔެއެވެ. އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާ ފުލުހުން ހަތަރު ދިވެއްސަކު ދިރިއުޅޭ ގޭގެއަށް ގޮސް ސުވާލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުގައި، ލަންކާގެ ދިވެހި ހައިކޮމިޝަންގައި މަސައްކަތް ކުރެއްވި ބޭފުޅަކުވެސް ހިމެނޭ ކަމަށް އެ ޕާޓީގެ ބަޔާނުގައިވެއެވެ. އެމްޑީޕީން ބުނީ، ލަންކާ ފުލުހުން އެ މީހުންނާ ސުވާލުކޮށްފައިވަނީ ސިޔާސީ ގޮތުން ރައީސާ މެދު ދެކޭ ގޮތާ ބެހޭގޮތުން ކަމަށެވެ. އަދި ރައީސް ލަންކާގައި ތިބި ދިވެހިންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ހަފުލާއަށް ނުދިއުމަށް އަންގައި، ސިންހަޅައިން ލިޔެފައިވާ ބަޔާންތަކެއްގައި ސޮއިކުރުވަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ. https://x.com/MDPSecretariat/status/2051333681067991222?s=20 އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މި އަމަލުތަކަކީ މިހާރުގެ ސަރުކާރުގެ އެންގުމަކަށް ނުވަތަ ސަރުކާރާ ގުޅިގެން ހިންގާ ކަންތައްތަކެކެވެ. އަދި މިއީ ސިޔާސީ ބޭނުމަކަށްޓަކައި ބޭރު ގައުމެއްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ނުފޫޒު ފޯރުވުމަށް ހިންގާ އަމަލެއް ކަމަށް އެ ޕާޓީން ގަބޫލުކުރެއެވެ. އަދި ލަންކާ ފުލުހުން ވަނީ ބައެއް މީހުންގެ އަމިއްލަ ތަކެއްޗާއި ފޯނު ފަދަ ތަކެތި ދެ ގަޑިއިރަށްވުރެ ގިނަ އިރު ވަންދެން ފާސްކޮށްފައި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އެ ބަޔާނުގައި ބުނީ އެ އަމަލުތަކުގެ ސަބަބުން، ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ދިވެހި ސަރުކާރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސިޔާސީ ޚިޔާލުތައް މޮނިޓަ ކުރުމާ ގުޅޭގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށެވެ. އަދި މި ހާދިސާތަކަކީ މަތީ ފަންތީގެ ދަތުރުފުޅުތަކުގެ ކުރިން އާންމުކޮށް ކުރިއަށްގެންދާ، ސަލާމަތީ ކަންކަން ބެލުމުގެ އިމުން ބޭރުގައި ހިނގާފައިވާ ކަންކަން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ: އެ ޕާޓީން ވަނީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް ލަންކާގެ ފުލުހުން މެދުވެރިކޮށް ދިވެހިންތަކަކަށް ބިރު ދައްކާ ކަމަށް ތުހުމަތުކޮށްފައި --- ފޮޓޯ: އެމްޑީޕީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް، ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ޙައްގުތަކެއް ލިބިގެންވާކަން ފާހަގަކޮށް އެމްޑީޕީން ވަނީ ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ފާރަވެރިވުމާއި ބިރުދެއްކުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރޭގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ފުރިހަމަ އަދި ދެފުށް ފެންނަ މަޢުލޫމާތު ހާމަކުރުމަށް އެ ޕާޓީން ގޮވާލިއެވެ. އަދި ސިޔާސީ ޚިޔާލު ފާޅުކުރުމުގެ ސަބަބުން އެއްވެސް ފަރާތަކަށް ގާނޫނާ ޚިލާފު ފިޔަވަޅެއް ނޭޅޭނެކަން ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭ ޓީވީގެ ޕްރޮގްމާއްގައިވަނީ، ލަންކާގެ ފުލުހުން ދިޔަ ކަމަށް ބުނާ ގެއެއްގެ މީހެއްގެ ފޯން އިންޓަވިއުއެއް ގެނެސްދީފައެވެ. އެ ފޯންކޯލުގައި ވާހަކަ ދެއްކި މީހާ ވަނީ އެއީ ލަންކާގައި ދިރިއުޅޭތާ ދުވަސްތަކެއް ވެފައިވާ އާއިލާއެއް ކަމަށް ބުނެ، ފުލުހުން އެ މީހުންގެ ގެއަށް ދިޔައީ އިއްޔެ ކަމަށް ބުނެފައެވެ. އޭނާ ކިޔައިދިން ގޮތުގައި، އޭނާ އިއްޔެ ގެޔަށް ދިޔައިރު ލަންކާގެ ހަ ފުލުހަކު ގޭގައި ތިއްބެވެ. އެ ފުލުހުން އޭނާއަށް ހަތަރު މީހެއްގެ ފޮޓޯއާއި، އެ މީހުން މާލޭގައި އުޅޭ އެޑްރެހާއި ލަންކާގައި އުޅޭ އެޑްރެސް ޖަހައިފައިވާ ގަނޑެއް ދެއްކި ކަމަށް އެ މީހާ ކިޔައިދިނެވެ. އޭގެ ތެރެއިން އެއް ފޮޓޯއަކީ އެ މީހާގެ ފޮޓޯއެއް ކަމަށާއި، ބާކީ ފޮޓޯތަކުގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ލަންކާ ހައި ކޮމިޝަނުގައި މަސައްކަތް ކުރި މީހަކު ވެސް ހިމެނުނު ކަމަށް އޭނާ ބުންޏެވެ. ފުލުހުން އެ ފޮޓޯ ދެއްކުމަށް ފަހު، ދިވެހި ހައި ކޮމިޝަނުން ދައުވަތެއް ލިބުނުތޯ އެހި ކަމަށް އެ މީހާ ކިޔައިދިނެވެ. އަދި ދައުވަތު އިންކާރު ކުރި ކަމަށް ބުނުމުން، ލަންކާގައި ދިރިއުޅޭ ދިވެހީންނާ ރައީސް ބައްދަލުކުރައްވާއިރު އެ ބައްދަލުވުމަށް ނުދިޔުމަށް އެންގި ކަމަށް އެ މީހާ ބުންޏެވެ. އަދި ބައްދަލުވުމަށް ގޮސްފި ނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް އޭނާ ބުންޏެވެ. އެއަށްފަހު، ފުލުހުން އެ ގެއަށް ދިޔަ ސަބަބާއި، އެ ގެއަށް ދާން އެންގި ބަޔަކާ ގުޅޭ ގޮތުން ސުވާލު ކުރި ކަމަށް އޭނާ ބުންޏެވެ. "ބުނީމަ ބުނީ އަހަރެމެން މި ތަނަށް ފޮނުވި ފަރާތަކީ އެއީ ކަލޭމެންގެ ބެލެނިވެރި ފަރާތްތަކޭ. އެހެންވީމަ އޭގެ މާނައަކީ ހައި ކޮމިޝަންތާ؟" އެ މީހާ ތުހުމަތުކުރިއެވެ. އެއަށްފަހު، ސިންހަޅައިން ލިޔެފައިވާ ބަޔާނެއް ދިން ކަމަށާއި، އެ ބަސް ނޭނގުނު ނަމަވެސް، އެ ހާލަތަށް ބަލައި ބަޔާނުގައި ސޮއިކުރި ކަމަށް އެ މީހާ ބުންޏެވެ. އެ މީހާ ކިޔައިދިން ގޮތުގައި ފުލުހުން ދެއްކި ހަތަރު ފޮޓޯގައި ވެސް ހިމެނުނީ މި ސަރުކާރާ އިދިކޮޅު މީހުންނެވެ. އަދި ކުރިން ހައި ކޮމިޝަނުގައި މަސައްކަތް ކުރެއްވި ބޭފުޅާގެ ގެއަށް ގޮސް، ފޯނުތައް އަތުލައި، ފާޚާނާގެ ފްލަޝް ޓޭންކް ވެސް ބަލައިފާސްކުރި ކަމަށް އެ މީހާ ބުންޏެވެ. އޭނާ ކިޔައިދިން ގޮތުގައި ފުލުހުން އެ ގޭގައި ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކުރިއެވެ. އޭނާ ތުހުމަތު ކުރި ގޮތުގައި އެ ގޭގެއަށް ފުލުހުން ފޮނުވައިފައިވަނީ، ރައީސް ލަންކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ މީހުން އެ މަނިކުފާނާ ސުވާލުކުރުމާއި ވާހަކަދެއްކުން ހުއްޓުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ