ދިވެހިންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ގަދަރާއި އިހުތިރާމަކީ ދެ ގައުމުގެ ސިޔާސީ ގުޅުމުގެ ހަގީގީ ބާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި މިރޭ ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ ދިވެހި ވަފުދަށް ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއާއި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސް ޑިސަނާޔަކެއަށް ޝުކުރު އަދާކުރައްވައިފައެވެ. ލަންކާއަކީ ރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ގައުމެއް ކަމަށް ސިފަކުރައްވައި، ދެ ގައުމުގެ ގުޅުމަކީ ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީހެއް އޮތް ގުޅުމެއް ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ ތަރައްގީގައި ލަންކާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތައުލީމު، އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން ވަކާލާތުކުރެއްވުމަށް ރައީސް ގޮވައިލެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް އެރުވިއެވެ. މި ޖާފަތުގައި ދެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ މިމަހުގެ 3 އިން 6 އަށް ރައީސްގެ ދެކަނބަލުން ލަންކާއަށް ކުރައްވާ ދަތުރުފުޅެކެވެ.
ރާއްޖެ-ލަންކާ ގުޅުމުގެ ހަގީގީ ބާރަކީ ރައްޔިތުންގެ މެދުގައި އޮތް ގަދަރާއި އިހުތިރާމު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ