އީރާނުން ޔޫއޭއީއަށް މިސައިލާއި ޑްރޯން ހަމަލާތަކެއް

ޔޫއޭއީއަށް އީރާނުން މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފިއެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން ބުނީ އީރާނުން ފޮނުވާލި ހަތަރު ކްރޫޒް މިސައިލްގެ ތެރެއިން ތިނެއް ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ.
ފުޖައިރާގެ ތެޔޮ ސިނާއީ ސަރަހައްދަށް ދިން ޑްރޯން ހަމަލާއެއްގައި އަލިފާން ރޯވެ، އިންޑިއާގެ ތިން ރައްޔިތަކަށް އަނިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އެޑްނޮކް ކުންފުނީގެ ތެޔޮ ޓޭންކަރު ”އެމް.ވީ ބަރަކާ“ އަށް ވެސް ދެ ޑްރޯނުން ހަމަލާ ދީފައިވާ ކަމަށް ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނެ، އެ އަމަލު ”އީރާނުގެ ޓެރެރިސްޓް ހަމަލާއެއް“ ގެ ގޮތުގައި ކުށްވެރިކޮށްފައިވެއެވެ.
ދުބާއީ އާއި އަބޫދާބީގެ ރައްޔިތުންނަށް ރައްކާތެރި ތަނެއް ހޯދުމަށް އެލާޓް ފޮނުވާފައިވާ އިރު، ޔޫއޭއީއަށް ދާ ގިނަ ފްލައިޓުތައް ވަނީ އޮމާންގެ މަސްކެޓަށް ޑައިވާޓް ކޮށްފައެވެ.
ޕާކިސްތާނު މެދުވެރިވެ މިދިޔަ މަހުގެ 8 ގައި ގާއިމުކުރި ހަނގުރާމަ ހުއްޓާލުމަށް ފަހު އޮތް ހަމަހިމޭންކަން މި ހަމަލާތަކާއެކު ނިމުމަކަށް އައީއެވެ. މި ހަމަލާތަކުގެ ޒިންމާ އީރާނުން ރަސްމީކޮށް ނުނަގައެވެ. ހަމަލާތަކުގެ ހަބަރާ ގުޅިގެން ހިއްސާގެ ބާޒާރުތައް ދަށަށް ގޮސް، ތެލުގެ އަގު މައްޗަށް ގޮސްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ