ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާގެ ގުޑް މާކެޓްގެ އޮފީހަށް ޒިޔާރަތް ކުރައްވައިފިއެވެ.
މި ޒިޔާރަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ.
ގުޑް މާކެޓްގެ ފަރާތުން އިންތިޒާމުކުރި މި ޒިޔާރަތުގައި އެކަމަނާ ވަނީ، ކޮލަންބޯގެ ޒަމާންވީ "ދި 80 ކްލަބު އޮފް ކޮލަންބޯ" ގައި ކުރިއަށް ދިޔަ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް ދައްކާލާ މައުރަޒެއް ބައްލަވާލައްވާފައެވެ. އެގޮތުން މި މައުރަޒުގައި ދައްކާލާފައިވާ އުފެއްދުންތަކުގެ ތެރޭގައި، ދެމެހެއްޓެނިވި ގޮތުގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި، ދުޅަހެޔޮކަމާ ގުޅޭ އުފެއްދުންތަކާއި، ޒިންމާދާރު ގޮތުގައި ތައްޔާރުކުރެވޭ އަންނައުނާއި، ދިރިއުޅުމުގެ ވައްޓަފާޅީގެ އެކިއެކި ބްރޭންޑްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން މުޖުތަމަޢުގެ ލާބައަށް ހިންގާ ވިޔަފާރިތަކުގެ އުފެއްދުންތައް ހިމެނެއެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ވިޔަފާރިވެރިންނާ ސީދާ ބައްދަލުކުރައްވައި، އައު ވިޔަފާރިތައް ތަރައްޤީކޮށް ފުޅާކުރުމާއި، ދެމެހެއްޓެނިވި ގޮތުގައި އިޖުތިމާޢީ މަންފާއަށް ވިސްނުމާއި ގުޅޭގޮތުންނާއި މިފަދަ އެކިއެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތައް ހޯދުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. މީގެ އިތުރުން، އަންހެނުން އިސްވެ ހިންގާ ވިޔަފާރިތައް ބާރުވެރި ކުރުވުމާއި، ޝާމިލު އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ ފަދަ ގުޅުންތައް ޤައުމުތަކުގެ މެދުގައި އާލާކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާގެ މި ޒިޔާރަތުގެ ސަބަބުން، ދިވެހިރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ ދެމެދުގައި އޮތް ޒަމާންވީ ދޭދޭ ގުޅުމާއި، ސަޤާފީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ވަނީ ހާމަވެގެން ގޮސްފައެވެ.
ސްރީލަންކާގެ ގުޑް މާކެޓަކީ، ޒިންމާދާރު ކަމާއެކު ތަކެތި އުފައްދައި ބޭނުން ކުރުމަށް ބާރުއަޅައިގެން ހިންގާ ޝާމިލު އަދި ދެމެހެއްޓެނިވި ވިޔަފާރިތަކަށް އެއްބާރުލުންދީ އެފަރާތްތަކުގެ އުފެއްދުންތައް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އަމާޒުކޮށް ހިންގާ މާކެޓެކެވެ.
ފަސްޓްލޭޑީ، ސްރީލަންކާގެ ގުޑް މާކެޓަށް ޒިޔާރަތް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ