ހުމާގެ ކައިވެނި އޮކްޓޫބަރު މަހު؟
ބޮލީވުޑްގެ ބަތަލާ ހުމާ ގުރައިޝީއާއި ލޯބިވެރިޔާ, އެކްޓަރު ރަޗިތު ސިންގްގެ ކައިވެނި މި އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެންބަރު މަހު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ހޫމާއާއި ރަޗިތުގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަކަމަށް ދެކެވޭ ވާހަކަތަކާ އެކު މި ދެ ތަރިންނަކީ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ އެއް ޖޯޑެވެ. ދެ ތަރިންގެ ލޯބީގެ ގުޅުމާ ގުޅޭގޮތުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައިނުވި ނަމަވެސް، އާންމު ތަންތަނުން ހުމާއާއި ރަޗިތު އެކުގައި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އަދި، ކެމެރާތަކުގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއް ނެތި މި ދެ ތަރިން އެކުގައި ފޮޓޯތަކަށް ހުއްޓިލައިގެން ތިބޭ މަންޒަރު ފެނެއެވެ. މީގެ އިތުރުން، މި ދެ މީހުން އެންގޭޖްވެފައިވާ ކަމަށް ވެސް މީގެ ކުރިން ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުންސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން މި ކައިވެނީގެ ތައްޔާރީތައް ވެސް ވަނީ ފެށިފައެވެ. ހުމާއާއި ރަޗިތު ބޭނުންވަނީ ކައިވެނީގެ ހަފުލާ ވަރަށް ކުޑަ ގޮތަކަށް ހަމައެކަނި އާއިލާގެ ގާތް މީހުންނާއި ރަހުމަތްތެރިންނާ އެކު ބޭއްވުމަށް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ހުމާ އާއި ރަޗިތު މުމްބާއީގެ އެއާޕޯޓުގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ނަމަވެސް، ފިލްމީ ދާއިރާގެ މީހުންނަށް ޚާއްސަކޮށްގެން ފަހުން ވަކި ހަފުލާއެއް ބާއްވަން ރޭވިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ހުމާއާއި ރަޗިތުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ބަތަލާ އެންމެ އަވަހަށް ފެންނާނީ ކަންނާޑާ އެކްޓަރު ޔަޝްގެ ފިލްމު "ޓޮކްސިކް"ގެ ރޯލަކުންނެވެ. ފިލްމު "ޓޮކްސިކް"ގެ އިތުރުން ހުމާ ވަނީ "ބޭބީ ޑޫ ޑައި ޑޫ"، "ޕޫޖާ މޭރީ ޖާން" އަދި "ގުލާބީ"ގެ ނަމުގައި އުފައްދާ ތިން ފިލްމަކަށް ސޮއިކޮށްފައެވެ. އެކްޓިން ކޯޗެއްގެ އިތުރުން ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ރަޗިތު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ތައްމާ"އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭ، "ބޭބީ ޑޫ ޑައި ޑޫ" އާއި "ވެލްކަމް ޓު ކޯޔާ މަހަލް" ކިޔާ ސީރީޒެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ