ސެމްސަންގް އާއިލާއިން 8 ބިލިއަން ޑޮލަރުގެ ޓެކްސް ދައްކައި ޚަލާސްކޮށްފި
ދެކުނު ކޮރެއާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސެމްސަންގްގެ ބާނީންގެ އާއިލާއިން، އެ އާއިލާގެ ކުރީގެ ޗެއާމަން ލީ ކުން-ހީގެ ތަރިކައިން ދައްކަންޖެހޭ 12 ޓްރިލިއަން ވޮން (އަށް ބިލިއަން އެމެރިކާ ޑޮލަރު)ގެ އިންހެރިޓެންސް ޓެކްސް (ތަރިކައިގެ ޓެކްސް) ދައްކައި ޚަލާސްކޮށްފިއެވެ. މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި ވެސް މިހާތަނަށް ދެއްކި އެންމެ ބޮޑު އިންހެރިޓެންސް ޓެކްސްއެވެ. ސެމްސަންގްގެ މިހާރުގެ ޗެއާމަން ލީ ޖޭ-ޔޮންގްއާއި އޭނާގެ މަންމަ ހޮންގް ރާ-ހީގެ އިތުރުން ދެ އުޚުތުން ކަމަށްވާ ލީ ބޫ-ޖިން އަދި ލީ ސޯ-ހިޔުން މި ފައިސާ ދައްކާފައިވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހަ އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ. މި ޓެކްސްއަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަވަހާރަވި ލީ ކުން-ހީ ދޫކުރެއްވި 26 ޓްރިލިއަން ވޮންގެ މުދަލާއި ފައިސާއާ ގުޅިގެން ދައްކަންޖެހުނު ޓެކްސްއެކެވެ. އޭގެ ތެރޭގައި ކުންފުނީގެ ހިއްސާއާއި، އިމާރާތްތަކާއި ބިންބިމުގެ އިތުރުން އަގުބޮޑު ކުރެހުންތައް ހިމެނެއެވެ. ސެމްސަންގްގެ ޝޯރޫމެއް -- ފޮޓޯ/ އޭއެފްޕީ އާދީއްތަ ދުވަހު ސެމްސަންގުން ވަނީ ޓެކްސްގެ އެންމެ ފަހު ޕޭމަންޓް ދައްކާފައިވާކަން ކަށަވަރުކޮށްދީފައެވެ. މި އަދަދަކީ 2024 ވަނަ އަހަރު ދެކުނު ކޮރެއާގެ ސަރުކާރަށް އިންހެރިޓެންސް ޓެކްސްގެ ގޮތުގައި ލިބުނު ޖުމުލަ އާމްދަނީގެ ދޮޅުގުނައާ އެއްވަރުގެ އަދަދެކެވެ. ދެކުނު ކޮރެއާގައި އިންހެރިޓެންސް ޓެކްސް ނަގާ މިންވަރު 50 އިންސައްތައިގައި ހުންނައިރު، މިއީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ މަތީ އެއް ރޭޓެވެ. ޓެކްސް ދެއްކުމާ ގުޅޭގޮތުން އާއިލާއިން ބުނެފައިވަނީ، "ޓެކްސް ދެއްކުމަކީ ރައްޔިތުންގެ މައްޗަށް އޮތް ވާޖިބެއް" ކަމަށެވެ. މި ބޮޑު ޓެކްސް ދެއްކުމުގެ ކަންކަން އިންވެސްޓަރުން ވަރަށް ގާތުން ބަލަމުންދިޔައީ، މީގެ ސަބަބުން ސެމްސަންގްގެ މައްޗަށް އާއިލާއަށް އޮތް ބާރާއި ކޮންޓްރޯލަށް ބަދަލުތަކެއް އަތުވެދާނެކަމުގެ ބިރު އޮތުމުންނެވެ. ލީ ކުން-ހީގެ ތަރިކައިގެ ތެރޭގައި ހިމެނޭ ޕަބްލޯ ޕިކާސޯ އަދި ސަލްވަޑޯ ޑާލީ ފަދަ މަޝްހޫރު ކުރެހުންތެރިންގެ އަގުބޮޑު ކުރެހުންތައް ވަނީ ނޭޝަނަލް މިއުޒިއަމް އޮފް ކޮރެއާ އަދި އެހެނިހެން ސަގާފީ އިދާރާތަކަށް ހަދިޔާކޮށްފައެވެ. ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ދައްކާގޮތުގައި ލީ އާއިލާގެ ޖުމްލަ މިލްކިއްޔާތު 45 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިނާއަތުގައި ކޮމްޕިއުޓަރ ޗިޕަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން ސެމްސަންގް އިލެކްޓްރޯނިކްސްގެ ހިއްސާގެ އަގު އުފުލި، ފާއިތުވި އަހަރުގެ ތެރޭގައި އެ އާއިލާގެ މުއްސަނދިކަން ވަނީ ދެގުނައަށް އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ